ދިވެހި ރާއްޖޭގެ ދެވަނަ ޖުމުހޫރިއްޔާގެ ހަވަނަ ރައީސްގެ ގޮތުގައި އޮނަރަބަލް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރައްވައި، މަގާމާ ހަވާލުވެވަޑައިގެންފިއެވެ. ރައީސް އިބޫއަށް ފަހަށް ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ވަނީ ނައިބު ރައީސްގެ ހުވާ ކުރައްވައި މަގާމާ ހަވާލުވެވަޑައިގެންފައެވެ.
ގަލޮޅު ރަސްމީ ދަނޑުގައި ބޭއްވުނު މި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި އެތައް ހާސް ދިވެހި ރައްޔިތުން އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން، 46 ގައުމެއްގެ 300 އަށް ވުރެ ގިނަ ބޭފުޅުންގެ ހާޒިރުގައި އިބޫ ވެރިކަމާއި ހަވާލުވެވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަދި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ކުރިފުޅުމަތީގައެވެ.
ރައީސް އިބޫ އަށް ފަހު ނައިބު ރައީސް ކަމާއި އިބޫގެ ރަނިންމޭޓުގެ ގޮތުގައި އިންތިޚާބަށް ނިކުމެވަޑައިގަތް ފައިސަލް ނަސީމް ވެސް ވަނީ ނައިބު ރައީސް ކަމުގެ ހުވާ ކުރައްވާފައެވެ.
މިއަދުގެ ޖަލްސާގައި ދިވެހި ރާއްޖޭގެ ވެރިކަން ކުރެއްވި ރައީސުންގެ ތެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ދުނިޔޭގައި ތިއްބެވި 3 ރައީސުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ގިނަ އަދަދެއްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ކުރީގެ މެމްބަރުން އަދި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުގެ އޮފިޝަލުން ވެސް ވަނީ ބައިވެރިވެފައެވެ.