ދިވެހި ރާއްޖޭގެ 7 ވަނަ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހް، ގައުމުގެ ރައީސްގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބު ކުރައްވައިފިއެވެ.
ގައުމާ މުޚާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް އިބޫ ވިދާޅުވީ އިސްލާމް ދީން ހިމާޔަތް ކުރުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރުމަށާއި ގާނޫނު އަސާސީއަށް ކިޔަމަންވާ ރައީސެއްގެ ގޮތުގައި ދެމި ހުންނަވާނެ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންތައްތަކުގެ ވާހަކަ ރައްޔިތުންނަށް ރައީސް އިއްވަވާދެއްވިއެވެ.
ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ކޮންމެ ގޮތަކަށް ވޯޓު ދެއްވި ނަމަވެސް، އެއްވެސް ފިކުރަކަށް، ކުލައަކަށް ބެލުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ މި އުފެދޭ ސަރުކާރަކީ އެއްވެސް ތަފާތުކުރުމެއް ނެތި ރައްޔިތުންނަށް ޚިދުމަތް ކުރާނެ ސަރުކާރެއް، އަޅުގަނޑުގެ ސަރުކާރުގައި އެއްވެސް ރައްޔިތަކު ބާކީއެއް ނުކުރާނަން"
ފަނޑިޔާރުގެ އިސްލާހު ކުރުމާއި، އެ ފަނޑިޔާރުގެއަކީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭ ފަނޑިޔާރުގެއެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ. އިބޫގެ ސަރުކާރުގައި އެންމެ އިސްކަމެއް ދީގެން ފަނޑިޔާރުގޭގައި ތިބޭ ފަނޑިޔާރުންނަކީ ޝަރުއީ އިލްމު ލިބިފައި ތިބި، އަދުލުން އެއްކިބާ ނުވާ ފަނޑިޔާރުން ތިބި ފަނޑިޔާރުގެއަކަށް ހައްދަވާނެ ކަމަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވިއެވެ.
ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށާއި ފަރުޟު ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު، ޕެންޝަން ފަންޑުން ފޯރުކޮށްދިނުމުގެ އިންތިސާމު ހަމަޖައްސަވައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހު ކުރައްވާނެ ކަންކަމަށް ވާހަަކަފުޅުގައި އަލިއަޅުވާލާފައެވެ. އެގޮތުން އެމަނިކުފާނު ވަނީ ފުރަތަމަ ސަތޭކަ ދުވަހު ކަރަންޓުގެ އަގު ހެޔޮ ކުރައްވާނެ ކަމަށާއި، ކިޔަވާ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ހަމަޖައްސައި ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.
އަދި ނޭޝަނަލް މެންޓަލް ހެލްތް އިސްޓިޓިއުޝަން އުފައްދައި ނަފްސާނީ ބަލިތަކަށް ފަރުވާކޮށްދިނުމަށް އާސަންދައިގެ ދަށުން ފޯރު ކޮށްދެވޭނެ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެ ލީޑު ރޯލެއް އަދާ ކުރައްވާނެ ކަމަށް ވެސް ރައީސް އިބޫ ވަނީ ވިދާޅުވެފައެވެ.