Last Updated: June 9, 09:22
Tuesday, June 9, 2026
ޚަބަރު

ކެބިނެޓަށް ވަޑައިގެންނެވުމަށް މަހްލޫފް މަޖިލީހުން އިސްތިއުފާ ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ތަމްސީލު ކުރައްވަމުން ގެންދެވި ދާއިރާގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފިއެވެ.

މަހްލޫފް މަޖިލީހުން އިސްތިއުފާ ދެއްވާފައިވަނީ ރައީސް ކަމުގެ މަގާމާއި އިބޫ ހުވާކުރެއްވިތާ ގަޑިއެއްހާއިރު ފަހުންނެވެ. މައުލޫމާތު ލިބޭ ގޮތުގައި މަހްލޫފަކީ ރައީސް އިބޫގެ ކެބިނެޓުން ފުރުސަތު ލިބިވަޑައިގެންނެވި ބޭފުޅެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމަށް ފޮނުވި ސިޓީއެއްގައި މަހްލޫފް ވިދާޅުވީ މިއަދުން ފެށިގެން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

އިބޫގެ ކެބިނެޓު އައްޔަން ކުރުން މިރޭ ކުރިއަށްދާނެ ކަމަށް މައުލޫމާތު ލިބިފައިވާއިރު ކެބިނެޓުގައި ތިއްބަވާނީ 19 ވަޒީރުންނެވެ. މުޅިން އަލަށް 4 ވުޒާރާއެއް އުފައްދާފައިވާއިރު އިބޫގެ ކެބިނެޓުގައި 19 ވަޒީރުންގެ ތެރެއިން 7 ވަޒީރުންނަކީ އަންހެން ބޭފުޅުން ކަމަށް ޚަބަރު ލިބިފައިވެއެވެ.