Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ރައީސް އޮފީހުގެ ސިޔާސީ މަޤާމްތަކަށް ބޭފުޅުން އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް މަޤާމްތަކަށް ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަޤާމްތަކަށް އައްޔަން ކުރެއްވި ބޭފުޅުންނަށް މަޤާމުގެ ފަތްކޮޅު ރައީސް ސޯލިހު ވަނީ ދެއްވާފައެވެ.

އެގޮތުން ރައީސް އޮފީހުގެ މިނިސްޓަރަކަށް އަލީ ޝިޔާމް އަދި ޗީފް އޮފް ސްޓާފްގެ މަޤާމަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވަނީ އައްޔަންކުރައްވާފަ އެވެ. މި ދެ މަޤާމަކީ މިނިސްޓަރު ފެންވަރުގެ މަޤާމްތަކެވެ.

މީގެ އިތުރުން ކޯޕަރޭޓް ސަރވިސްގެ ސެކްރެޓަރީގެ މަޤާމަށް ހ. މާދޫގެ، އަލްފާޟިލް ޙުސައިން ޢާމިރު، ކެބިނެޓް އެފެއާޒްގެ ސެކްރެޓަރީ އަކަށް ގ. ނިއުވޭވްސް، އަލްފާޟިލް އަޙްމަދު ޙަސަންދީދީ، ޑެޕިއުޓީ ޗީފް އޮފް ސްޓާފްގެ މަޤާމަށް ގ. ކަކާގެއާގެ، އަލްފާޟިލް ޙުސައިން އާދަމް، ޕޮލިސީ ސެކްރެޓަރީގެ މަޤާމަށް ސ. ހުޅުދޫ ޓްރައިސްޓާރ، އަލްފާޟިލާ އާމިނަތު ޝައުނާ، ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓްގެ މަޤާމަށް ގދ. ތިނަދޫ އަލިދޯދި އަލްއުސްތާޛު އަޙްމަދު ޢަބްދުﷲ ޢަފީފް، ކޮމިއުނިކޭޝަންސް ސެކްރެޓަރީ އަކަށް މއ. ބޯގަންވިލާ، އަލްފާޟިލް ޙަސަން އިސްމާޢީލް އަދި ފޮރިން ރިލޭޝަންސް ސެކްރެޓަރީ އަކަށް މއ. މާންދޫގެ، އަލްފާޟިލާ ޞަބްރާ އިބްރާހީމް ނޫރައްދީން ވަނީ އައްޔަންކުރައްވާފަ އެވެ. މި ހަތް މަޤާމަކީ ސްޓޭޓް މިނިސްޓަރ ފެންވަރުގެ މަޤާމްތަކެވެ.