Last Updated: April 25, 17:49
Thursday, April 25, 2024
ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ 6 ގޮނޑި ހުސްވެއްޖެ

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

އާ ސަރުކާރު އެކުލަވާލުމާއެކު ރައްޔިތުންގެ މަޖިލީހުގެ ހަ ދާއިރާއެއްގެ ގޮނޑި ހުސްވެއްޖެ އެވެ.

އެ ހަ ގޮނޑި ހުސްވެފައި ވަނީ ހަ ދާއިރާއެއް ތަމްސީލްކުރައްވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.

އެގޮތުން މެމްބަރުކަމުން އިސްތިއުފާދެއްވި ބޭފުޅުންގެ ތެރޭގައި ހިންނަވަރު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

މީގެ އިތުރުން ހެންވޭރު އިތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އާއި، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފްގެ އިތުރުން، ގަމު ދާއިރާގެ މެމްބަރު ފައްޔާޒު އިސްމާއިލް ވެސް ހިމެނިވަޑައިގަންނަވަ އެވެ.

މި ބޭފުޅުން ވަނީ މަޖިލީހުގެ މެމްބަރުކަމުން އިސްތިއުފާދެއްވުމަށް ފަހު އާ ސަރުކާރުގެ ކެބިނެޓަށް ވަޑައިގެންފަ އެވެ. އެގޮތުން ފޮރިން މިނިސްޓަރު ކަމަށް ޝާހިދު އަދި ޑިފެންސް މިނިސްޓަރަކަށް މާރިޔާ އައްޔަންކުރެއްވިއިރު، ފައްޔާޒް އައްޔަންކުރެއްވީ އިކޮނޮމިކް މިނިސްޓަރަކަށެވެ. އަދި މަހުލޫފް އައްޔަންކުރައްވާފައި ވަނީ ޔޫތު މިނިސްޓްރީ އަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ޖުމްލަ 85 ދާއިރާއެއް ތަމްސީލްކުރައްވާ މެމްބަރުން ތިއްބަވާއިރު، ރައީސް ސޯލިހު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު މަޖިލީހުގެ މެޖޯރިޓީ ވަނީ ގުޅިފައިވާ އިއްތިހާދަށް ލިބިފައެވެ.