Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ފުރަތަމަ 100 ދުވަސް: 5،000 ހެލްމެޓް ހިލޭ ބަހަނީ

ފޮޓޯ: ރޮއިޓާސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އާންމުންނަށް 5،000 ހެލްމެޓް ހިލޭ ބަހާ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ރާވައިފާ ކަންކަން އާންމުކޮށް މިރޭ އިއުލާންކޮށްފައިވާއިރު، މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރިކުރުމުގެ ގޮތުން މަޢުލޫމާތު ފޯރުކޮށްދޭ ކެމްޕޭނެއް ފަށައި، 5،000 ހެލްމެޓް ހިލޭ ބަހަން ވަނީ ހަމަޖައްސާފައެވެ.

އަދި މާލެ އާއި ހުޅުމާލޭގެ އިތުރުން ވިލިނގިލީގެ މަގުތައް ލެޑް ސޯލާ ލައިޓުން ދިއްލާ އަލިކުރުމަށާއި، ސިނަމާލެ ބްރިޖުގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާތައް ހަރުކުރުމުގެ އިތުރުން ތިމާވެއްޓާއި މަގުމަތީގެ ރައްކާތެރިކަމަށް ފުލުހުން ޚިދުމަތެއް ފަށައި، ފުލުހުންނާއި އާންމުންގެ ޚިޔާލު ލިބިގެން އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމެއް ވެސް އެކުލަވާލެވިގެންދާނެ އެވެ.

މީގެ އިތުރުން ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކުރެވި، ޤަވާއިދުން ޕެޓްރޯލް ކުރުން ވެސް ފުރަތަމަ 100 ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ ހަމަޖައްސާފައެވެ.

ހިލޭ ހެލްމެޓް ބެހުމަށް ނިންމާފައިވާއިރު، ރާއްޖޭގައި މަގުމަތީ އެކްސިޑެންޓްތައް ހިނގުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން ދާދިފަހުން ހުޅުވިގެންދިޔަ ސިނަމާލެ ބްރިޖުގައި އާއި އައްޑޫ ސިޓީގެ ލިންކް ރޯޑާއި ބޮޑު މަގުގައި ވަނީ އެތައް އެކްސިޑެންޓްތަކެއް ހިނގައި، ބައެއް މީހުންގެ ފުރާނަ ވެސް އެ ހާދިސާތަކުގައި ގޮސްފައެވެ.