Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

މޯދީ އެނބުރި އިންޑިއާ އަށް ފުރާވަޑައިގެންފި

ރައީސް ސޯލިހު އާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ބައްދަލުކުރައްވަނީ - ފޮޓޯ: ޓްވިޓާ (ނަރޭންދްރަ މޯދީ)

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުވާކުރެެއްވުމުގެ ރަސްމިއްޔާތަށް ރާއްޖެ ވަޑައިގެންނެވި އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ، އެނބުރި ޤައުމަށް ފުރާވަޑައިގެންފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން މޯދީއަށް އަލްވަދާއު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

މޯދީ ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ސޯލިހު އާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

އެގޮތުން މޯދީ އާއި ރައީލސް ސޯލިހު ވަނީ އާ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖޭގައި ގެދޮރު އިމާރާތްކުރުމާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރަށްރަށުގައި ޤާއިމްކުރުމުގެ މުހިންމުކަމަށް ރައީސް ސޯލިހު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މޯދީ ވަނީ ރާއްޖެއަށް ދެމެހެއްޓެނިވި އިޖުތިމަޢީ އަދި އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި އިންޑިއާ އިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު އަށް ދެއްވާފައެވެ.

ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯދީ ރާއްޖެއަށް ވަޑައިގެންފައިވާއިރު، މިއީ މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މޯދީ ވަނީ ރައީސް އޮފީހަށް ވަޑައިގެން އިއްޒަތްތެރިންގެ ފޮތުގައި ސޮއިކުރައްވާފައެވެ. މޯދީއާއެކު ވަޑައިގަތް އޮފިޝަލުންނާ ރައީސް ސޯލިހު، އަދި ނައިބު ރައީސް ފައިސަލް ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ.