Last Updated: April 26, 11:19
Friday, April 26, 2024
ޚަބަރު

ސައުދީ އާއި ޔޫއޭއީގެ އިސް ބޭފުޅުން ރައީސް ސޯލިހު ބައްދަލުކުރައްވައިފި

ސައުދި އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް-ސަޢުދުގެ އެޑްވައިޒަރ ހިޒް ރޯޔަލް ހައިނެސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މިތެބް ބިން ޢަބްދުލް ޢަޒީޒް އާލް-ސަޢުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ޒިޔާރާތުގައި އެޑްވައިޒަރ ވަނީ ރައީސް ސޯލިހު އަށް މަރުޙަބާ ދަންނަވައި ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންފައެވެ.

މީގެ އިތުރުން މިއަދު ވަނީ ޔޫ.އޭ.އީގެ ވަލީ އަހުދު ޒައިދް އައް ނަޙްޔާންގެ ދަރިކަލުން ޝައިޚް ހަމްދާން ބިން މުޙައްމަދު ބިން ޒައިދް އަލް ނަޙްޔާން ވެސް ރައީސް ސޯލިހުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއްކުރައްވާފައެވެ. މިޒިޔާރަތުގައި ވަލީއަހުދުގެ ދަރިކަލުން ވެސްވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ.

ރައީސް ސޯލިހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވީ މިއަދު ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި 46 ޤައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.