Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ކޮން ކަހަލަ ކެބިނެޓެއް!

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އިންތިހާބަށް ނިކުންނެވި އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ އިއްޔެ ކުރެއްވުމަށްފަހު އެމަނިކުފާންގެ ކެބިނެޓު ރޭ ވަނީ އިއްލާން ކުރައްވާފައެވެ. ރޭ ރައިސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކެބިނެޓު މިނިސްޓަރުން މަގާމުގެ ހުވައި ކުރައްވާފައިވާ އިރު ގިނަ ބެއެއްގެ ފާޑު ކިއުން ވަނީ ރައީސް ސޯލިހުގެ ކެބިނެޓަށް އަމާޒުވެފައެވެ.

ސިޔާސީ ހަތަރު ލީޑަރުންނަށް ބައިއެޅޭ ގޮތަށް އެކުލަވާލާފައިވާ ސަރުކާރުގެ ކެބިނެޓަކީ ގިނަ ބައެއްގެ ނަޒަރު ހުއްޓުނު ކެބިނެޓެކެވެ. ކެބިނެޓު މިނިސްޓަރުންގެ އަދަދާއި، ކެބިނެޓަށް އަންނަ ބޭފުޅުންގެ މައުލޫމާތު ހޯދަން މާކުރިންވެސް ރައްޔިތުން ތިބީ ކެތްމަދުވެފައެވެ. ވަކިން ހާއްސަކޮށް ހަތަރު ލީޑަރުންގެ މަޝްވަރާގެ މަތިން އެކުލަވާލެވޭ ކެބިނެޓެއްްގައި ހިމެނެނީ ކޮން ބައެއްތޯ ދިޔައީ ސުވާލު އުފައްދަމުންނެވެ

ކެބިނެޓާއި ގުޅޭގޮތުން މީގެ ކުރިން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އެމަނިކުފާންގެ ސަރުކާރެއްގައި ތިއްބަވާނީ ނަޒާހާތްތެރި ގާބިލް ބޭފުޅުންކަމަށެވެ. އަދި ލީޑަރުން މަގު ދައްކަވާނީ އެ އުސޫލުން ކަމަށެވެ.

ކުރީގެ ވަޒީރުން

ރައީސް ސޯލިހުގެ ސަރުކާރުގެ ކެބިނެޓުގައި ކުރީގެ ވަޒީރުކަން ކުރައްވާފައިވާ ބޭފުޅުން ވަނީ ހިމެނިވަޑައިގެންފައެވެ. އެގޮތުން އެމްޑީޕީގެ ސަރުކާރުގައި ހައުސިން މިނިސްޓަރކަން ކުރެއްވި މުހައްމަދު އަސްލަމް ވަނީ މި ސަރުކާރުގެ މިނިސްޓަ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗަރުގެ މަގާމަށް އައްޔަން ކުރައްވާފައެވެ. އަސްލަމްއަކީ އެމްޑީޕީ ސަރުކާރުގައި ވަޒީރަކަށް ހުންނެވިއިރު އަމިއްލަ ބޭނުމަށް އޮފީހުގެ ފޯނު ބޭނުންކުރެއްވި މައްސަލާގައި ފޯނު ބިލަށްވާ ފައިސާ ދެއްކުމަށް ކޯޓުން ހުކުމް ކުރެއްވި ބޭފުޅެކެވެ. އަަސްލަމް ވަނީ އެހުކުމާއި ގުޅިގެން ދައްކަން ޖެހޭ ފައިސާ ދައުލަތަށް ދައްކަވާފައެވެ. އެމްޑީޕީ ސަރުކާރުގެ ކަރްޕްޝަން މައްސަލަ ތަކުގެ ތުހުމަތު އެންމެ ބޮޑަށް ކުރެވުނު އެއް ބޭފުޅަކީ އަސްލަމްއެވެ.

ރައީސް ސޯލިހުގެ ކެބިނެޓުގެ މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮކޮލޮޖީގެ މަގާމަށް އައްޔަން ކުރެއްވި މުހައްމަދު މަލީހް ޖަމާލަކީ ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ޔޫތު މިނިސްޓަރެވެ. ޔޫތު މިނިސްޓަރުގެ މަގާމުން މަލީހު ދުރުކުރީ އޭރުގެ ނައިބް ރައީސް މަލީހުގެ ބޮޑުބޭބޭފުޅު ޑރ. މުހައްމަދު ޖަމީލް އަހުމަދާއި، ރައީސް ޔާމީން އާއި ދެބޭފުޅުންގެ ދެމެދުގައި ހިޔާލުތަފާތުވުން އުފެދި އެމަނިކުފާން މަގާމުން ދުރު ކުރުމުންނެވެ.

އޭގެ ފަހުން މަލީހު ރައީސް ޔާމީނަށާއި ސަރުކާރަށް ބޮޑެތި ފާޑު ކިޔުން ކިޔާފައިވެއެވެ. ޔޫތު މިނިސްޓަުގެ މަގާމުގައި މަލީހު ހުންނެވި ދުވަސްވަރަކީ ރާއްޖޭގައި ކުޅިވަރު އެރީނާ ތަކާއި ފުޓްސަލް ދަނޑުތައް ޔާމީންގެ ސަރުކާރުން އަޅުއްވަމުން ދިޔަ ދުވަސްވަރެވެ. މަލީހު އޭރު ފެނިވަޑައިގަތީ އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު އާއި އެކު ރާއްޖޭގެ އކި ސަރަހައްދަށް ދަތުރު ކުރައްވައި މަޖާ ކުރައްވަމުން ދިޔަ ތަނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޒުވާނުންގެ ފާޑު ކިއުމާއި، ނުރުހުން މަލީހުއަށް އަމާޒުވެގެން ގޮސްފައިވެއެވެ.

މަލީހުގެ އަރިސް އަދި ރައީސް ޔާމީން ސަރުކާރުގެ ރައީސް އޮފީހުގެ މިނިސްޓަރުކަން ކުރެއްވި އަބްދުﷲ އަމީންވަނީ މި ސަރުކާރުގެ ހެލުތު މިނިސްޓަރ މަގާމަށް އައްޔަން ކޮށްފައެވެ. ގައުމީ ޕާޓީން އެކި ކޯލިޝަން ތަކުގައި ބައިވެރިވެ، އަމީން ވަނީ ސިޔާސީ އެކި މަގާމު ފުރުއްވާފައެވެ.

ޑރ. ޖަމީލް އާއި އަރިސް އަމީންވެސް ރައީސް ޔާމީން މަގާމުން ދުރުކުރީ ޑރ. ޖަމީލް ބޭރުކުރުމާއި ގުޅިގެންނެވެ. މިހާތަނަށް މަލީހު އާއި އަމީން ތިއްބެވީ ޑރ، ޖަމީލްގެ ފަހަތްޕުޅުގައެވެ. ޑރ. ޖަމީލް ޖުމްހުރީ ޕާޓީ އާއި ގުޅުމުން މަލީހު އަދި އަމީން ޖުމްހުރީ ޕާޓީ އާއި ގުޅި މިހާރުގެ ކޯލިޝަން ސަރުކާރުން ދެ ވަޒީރުކަން ހޯއްދެވީއެވެ.

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަކީ ރައީސް މައުމޫންގެ ވެރިކަމުގައި ރައީސް އޮފީހުގެ މިނިސްޓަރެވެ. އޭގެ ފަހުން މަޖްލިސްގެ ރައީސްކަން ކުރެއްވި ޝަހިދަކީ މައުމޫންގެ ވެރިކަމުގައިވެސް ފޮރިން މަސައްކަތް ކުރެއްވި ތަޖުރިބާ ކާރު ބޭފުޅެކެވެ.

ރާއްޖޭން ބޭރުން ސީދާ ކެބިނެޓަށް

 

ރައީސް ސޯލިހުގެ ކެބިނެޓުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވަޑައިގެންފައިވަނީ ސީދާ އިނގިރޭސިވިލާތުން ކެބިނެޓު ވަޒީފާއަށެވެ. ކުރިން ޑީއާރްޕީގައި ހުންނެވުމަށް ފަހު އެމްޑީޕީ އާއި ގުޅުނީ ޓްރާންސްފާރ މާކެޓުގައި ބޮޑު އަގުގައި ކަމަށް އޭރު ވެސް ރައްޔިތުން ކިޔަމުން ދިޔައެވެ. އެމްޑީޕީ އާއި ގުޅުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި "ބޫމްބޫމް" ލާފައި މާލެއިން ގޯތި ބައްލަވައިގަތެވެ.

މަޖްލިސްގެ ތެރެއިން އަލީ ވަހީދުގެ ނަޒާހަތްތެރިކަން ގެއްލި 2014 ވަނަ އަހަރުގެ މަޖްލިސް ގޮޑި ގެއްލުނެވެ. އޭގެ ފަހުން އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމުގައި ހުންނަވައި 2015 ވަނަ އަހަރުގެ މޭއި ޑޭ މުޒާހަރާއަށް ފަހު ހައްޔަރުކުރުމަށްފަހު ދޫކޮށްލުމާއި އެކު ގައުމު ދޫކޮށް އިނގިރޭސި ވިލާތަށް ވަޑައިގަތެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ދޫނުކޮށް ވަޑައިގެން އިނގިރޭސި ވިލާތުގައި ހުންނެވުމުގެ ސަބަބުން އެމްޑީޕީގެ ހިންގުމަށް އޭރު އަސަރު ކުރިއެވެ. އޭގެ ސަބަބުން އަލީ ވަހީދަށް ފާޑު ކިއުން އަމާޒުވެގެން ދިއުމުގެ ނަތީޖާއަކަށްވީ މަގާމު ދޫކުރެއްްވުމެވެ، ދެން އިނގިރޭސިވިލާތުން ސިޔާސީ ހިމާޔްތް ހޯއްދައި ހުންނަވައި ދުވަސް ކޮޅަކަށް ފަހު ގާސިމް އާއި ގުޅިވަޑައިގެން ޖޭޕީގެ ރައީސްކަމުގެ މަގާމަށް ވަޑައިގަތެވެ.

އަލީ ވަހީދު ރާއްޖެ ވަޑައިގެންފައިވަނީ ރައިސް ޔާމީން އިންތިހާބުން ބަލިވުމުންނެވެ. އަލޯ ވަހީދަކީ ކޯލިޝަން ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރކަމަށް ގާބިލް ބޭފުޅެއް ނޫންކަމަށް ގިނަ ރައްޔިތުން ދަނީ ބުނަމުންނެވެ.

މަޖްލިސް ރައީސް ގާސިމްގެ އަނބިކަބަލުން ކެބިނެޓަށް!

 

ކޯލިޝަން ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރުގެ މަގާމަށް އައްޔަންކޮށްފައިވާ އައިޝަތު ނަހުލާއަކީ މަޖްލިސްގެ މިހާރުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަބަލުންނެވެ. މިދިޔަ ޖޫން މަހު ސިޔާސީ މައިދާނަށް އައިޝާ ނިކުމެވަޑައިގަތީ ގާސިމް އިބްރާހިމަށް ކުރެވުނު ބޭއިންސާފު ހުކުމާއި ހަމައިން ގާސިމްއަށް އިންސާފު ހޯދުމަށް ފެށުނު މަސައްކަތުގެ ތެރެއިންނެވެ. އެމަސައްކަތުގެ ތެރެއިން ޖޭޕީގެ ކައުންސިލަށް ހޮވިވަޑައިގެން ސިޔާސީ ލީޑަރުންނާއި އެކު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނިކުމެވަޑައިގަތެވެ.

ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވި ހިސާބުން އައިޝާ ކެބިނެޓަށް ގެންނަން އުޅޭ ކަމުގެ އަޑު ގަދަވިއެވެ. އެއާއި އެކު އައިޝާއަށް ބޮޑެތި ފާޑު ކިއުން އަމާޒުވިއެވެ. އަދި މިހާރު އެންމެ ބޮޑަށް ފާޑު ކިއުން އަމާޒުވެފައިވަނީ ވިޔަފާރިވެރިޔާ އަދި މަޖްލިސްގެ ރައީސް ގާސިމްގެ އަނބިކަބަލުންގެ ގޮތުގައި ކެބިނެޓުގައި ހުންނެވުމާއި ގުޅިގެންނެވެ. މިއީ މަސްލަހަތު ފުށޫ އަރާ ސަބަބެއް ކަމަށް ފާޑު ކިއުންތެރިން ދަނީ ބުނަމުންނެވެ.

ކެބިނެޓުން ގިނަ ބަޔަކަށް ހައިރާން ކަމާއި މާޔޫސްކަން!

 

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓު ވަޒީރުންނާއި އެކު ގިނަ ބައެއްްގެ ފާޑުކިއުން މިވަނީ ކެބިނެޓަށާއި ރައީސް ސޯލިހަށް އަމާޒުވެފައެވެ. އެއްބަޔަކު ބުނަމުންދަނީ މުޅި ކެބިނެޓު ގާސިމް އިބްރާހިމް ހިސޯރުކޮށްފައިވާ ކަމަށެވެ. އަދި މިއީ ވިލާ ޕްރައިވެޓް ލިމިޓެޑްކަމަށްވެސް ބަޔަކު ދަނީ ބުނަމުންނެވެ. އަނެއްކޮޅުން މަލީހު، އަމީން ފަދަ ބޭފުޅުންނަށް ކެބިނެޓުން ޖާގަ ދިނުމުން ގިނަ ފާޑު ކިއުންވަނީ އަމާޒުވެފައެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުގައި ކެބިނެޓުން އާ އުއްމީދެއް ނުކުރެވޭއިރު ބޮޑަށް ފެނިގެން ދަނީ މާޔޫސް ކަމެވެ. އަދި މިއީ ގިނަ ބަޔަކަށް ހައިރާން ކުރުވަނިވި ކެބިނެޓެކެވެ.