ރާއްޖެޓީވީގެ ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ސުވާލު އުފައްދައި ނަފްރަތު އުފެއްދުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެފައިވަނީ ރާއްޖެޓީވީގައި ރައީސް ނަޝީދު އާއި އެކު ބޭއްވި އިންޓަވިއުއެއްގައެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރައްވާނެތޯ ޕްރެޒެންޓަރ ކުރެއްވި ސުވާލަށް ނަޝީދުގެ ސީދާ ޖަވާބެއް ނުދެއްވިއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ރާއްޖެޓީވީގެ ބޭނުމަކީ ސެންސޭޝަން އުފެއްދުން ކަމަށެވެ.
"އަޅުގަނޑަށް ވެސް އިނގޭ ތިބޭފުޅުން [ރާއްޖެޓީވީ] ބޭނުންވެވަޑައިގަންނަވަނީ ސެންސޭޝަންކަން. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުމާއި ފޯލްޓް ލައިނެއް ގެނައުން ކަން. އެހެން ނަމަވެސް ގަބޫލުކުރައްވާ، ދެނެވަޑައިގަންނަވާ އަޅުގަނޑުމެންގެ އަތް ވެސް ނުގުޑާނެ. އަޅުގަނޑާއި އިބްރާހިމް މުހައްމަދު ސޯލިހާއި ތިބޭނީ އެކުގައި"
ނަޝީދު ވިދާޅުވީ ނޫސްވެރިންގެ ބޭނުމަށްފައިވަނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލު އުފެއްދުމަށް ކަމަށެވެ.
"އަޅުގަނޑަށް އިނގޭ ނޫސްވެރިން ބޭނުންވެވަޑައިގަންނަވަނީ ރައްޔިތުންގެ ހިތްތަކުގައި ބައިވަރު ސުވާލުތަކެއް އުފެއްދުމަށް ކަން. އަދި ތިބޭފުޅުން ދެކެވަޑައިގަންނަވާ ނޫސްވެރިކަމުގެ ތެރޭގައި، އެއީ ރަނގަޅު ކަމަކަށް ވެސް ވެދާނެ. އެހެން ނަމަވެސް އަޅުގަނޑެއް އެ ދަރަޖައަކަށް ނުދާނަން."
ނަޝީދުގެ ފާޑުކިއުން ރާއްޖެޓީވީއަށް އަމާޒުވިއިރު އެމަނިކުފާން މަސައްކަތް ކުރައްވަނީ ރާއްޖެ ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ކަމަށާއި، އަންނަ މަޖްލިސް އިންތިހާބަށް މާލެ ގޮޑިއަކަށް ނަޝީދު ނިކުންނަވާ ކަމުގެ ވާހަކަތައް ދަނީ ދެކެވެމުންނެވެ.
އަރުވާލެވިގެން ހުންނެވުމަށް ފަހު ނޮވެމްބަރ މަހުގެ 1 ވަނަ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުވުމެއްގައި މަޖްލިސް އިންތިހާބުގައި ވާދަކުރެއްވުމާއި ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ނަޝީދު ސީދާ ޖަވާބެއް ނުދެއްވިއެވެ.
ރާއްޖެޓީވީ އާއި ގުޅޭގޮތުން މިފަދަ ތުހުމަތެއް ނަޝީދު ކުރެއްވިއިރު ރާއްޖެޓީވީ އަކީ ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރި ޓީވީ ޗެނަލްއެވެ.