Last Updated: June 11, 06:12
Thursday, June 11, 2026
ޚަބަރު

ވެރިކަމުގެ ފުރަތަމަ 100 ދުވަހު އައްޑޫއަށް އޮތީ ނެގި ދިދަ ދަނޑި ޖެހުން!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު އައްޑޫއަށް ކުރާނެ ކަމަކީ ސްޓޭޓު ސްކުއާގައި ޖަހާފައި ހުއްޓާ ޔާމީން ސަރުކާރުން ނެގި ދިދަ ދަނޑި އަލުން ޖެހުންކަމަށް ސަރުކާރުން ބުނެފިއެވެ.

ސަރުކާރުން މިކަން ހާމަކޮށްފައިވަނީ ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ އާއްމު ކުރި ލިސްޓުގައެވެ.

އެލިސްޓުގައިވާ ގޮތުން އައްޑޫ ސިޓީ ސްކުއާ އަލުން ހަދާ ކުލަގަދަ ރަސްމިއްޔާތަކާއި އެކު ކޯއްޓޭއަށް ގައުމީ ދިދަ ނެގޭނެއެެވެ. މީނޫން ކަމެއް އެ ލިސްޓުގައި ހިމަނާފައި ނުވެއެެވެ.

މިލިސްޓުގައި އެހެން ސަރަހައްދުތަކަށް ހިމަނާފައިވާ ކަންކަމަށް ބަލާއިރު އައްޑޫ އާއި އެންމެ ކައިރީގައިވާ ފުވައްމުލަކު މަގު ފުޅާކޮށް، މަގު ހަދަން ފެށޭނެ ކަމަށް ވަނީ ހިމަނާފައެެވެ.

އައްޑޫ މަގު ހެދުމެއް، ތަރައްްޤީގެ އެެއްވެސް ކަމެއް ފުރަތަމަ 100 ދުވަހު ފެށޭނެކަމަށް ހިމަނާފައި ނުވާއިރު އައްޑޫއަށް ނިސްބަތްވާ އެންމެ ބޭފުޅަކުވެސް ކެބިނެޓުގައި ހިމެނިފައި ނެތުމުން ރައީސް ސޯލިހަށް އައްޑޫ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ވަނީ ފާޑު ކިޔާފައެވެ.

ހިތަދޫ ސްޓޭޓު ސުކުއާއަކީ 17 ވަނަ ސާކް ސަމިޓަށް ރައިސް ނަޝީދު ހެއްދެވި ތަނެކެވެ. ސަމިޓަށް ފަހު އެތަނުގައި ހުރި ދިުދަ ދަނޑިއަށް ދިދައެއް ނުނަގާއިރު އެތަނުގައި ހުރީ ހުސް ދިދަ ދަނޑިއެކެވެ. އެ ދިދަ ދަނޑި ހައުސިން މިނިސްޓަރ މުއިއްޒުގެ އެންގުމަށް ވަނީ ބުޑު ތަޅާލައި ނަގާފައެވެ.