Last Updated: April 20, 11:49
Saturday, April 20, 2024
ކުޅިވަރު

އިޓަލީ އާ އެއްވަރުވިނަމަވެސް ޕޯޗުގަލް ސެމީ އަށް

އިޓަލީ އާ ދެކޮޅަށް ކުޅުނު މެޗަށްފަހު ޕޯޗުގަލްގެ ކުޅުންތެރިންނާއި އޮފިޝަލުން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ރަށުން ބޭރުގައި އިޓަލީ އާ ދެކޮޅަށް ކުޅުނު މެޗުން ލަނޑެއްނުޖެހި ދެޓީމު އެއްވަރުވިނަމަވެސް ބާކީ އެއް މެޗު އޮއްވާ ޕޯޗުގަލް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު މިހާތަނަށް ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހަމަކޮށްގެން ޕޯޗުގަލް އަށް ލީގު އޭގެ ގްރޫޕް ތިނެއްގެ އެއްވަނަ ވަނީ ކަށަވަރުވެފައެވެ. ދެވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިޓަލީ އެވެ. މި ގްރޫޕުގެ އެންމެ ފުލަށް ދިޔަ ޕޮލެންޑަށް މިހާތަނަށް އެއް ޕޮއިންޓް ލިބިފައިވާއިރު އެޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

އަންނަ އަހަރު އޮންނަ މި މުބާރާތުގެ ފައިނަލް ބުރުގައި ވާދަކުރާނީ ލީގު އޭ ގައި ހިމެނޭ ހަތަރު ގްރޫޕުގެ އެންމެ ކުރިހޯދާ ޓީމެވެ. މި މުބާރާތުގެ ސެމީ އަށް ދަތުރުކުރި ފުރަތަމަ ޓީމަކަށް ޕޯޗުގަލް ވެގެންދިޔައިރު ދެން ފައިނަލް ބުރުން ޖާގަ ލިބުމުގެ ފުރުޞަތު އޮތް ޓީމުތަކުގެ ތެރޭގައި ގްރޫޕް އެކެއްގެ ނެދަލޭންޑްސް ނުވަތަ ފްރާންސް، ދެވަނަ ގްރޫޕުން ސްވިޒަލޭންޑް ނުވަތަ ބެލްޖިއަމް އަދި ގްރޫޕް ހަތަރެއްގައި ހިމެނޭ ތިން ޓީމުކަމަށްވާ ކްރޮއޭޝިއާ އާއި ސްޕެއިންގެ އިތުރުން އިންގްލެންޑް ހިމެނެއެވެ.

ސެންސީރޯގައި ރޭ ކުޅުނު މެޗުގެ ކުރީކޮޅު، އިޓަލީގެ ލޮރެންޒޯ އިންސީނިއޭ އަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާބޭރުން ގޯލްގެ ތިރީކަނަށް އަމާޒުކޮށްލައިގެން ފޮނުވާލި ހަމަލާއެއް ޕޯޗުގަލްގެ ގޯލްކީޕަރު ރުއީ ޕެޓްރީސިއޯ އަތުގައި ޖެހިފައި ނިކުތްވަގުތު ޗީރޯ އިމޯބިލޭ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސްދަނޑިމަތިން ބޭރަށެވެ.

އޭގެފަހުން، އިޓަލީގެ އަލެސެންދްރޯ ފްލޮރެންޒީ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ޕީއެސްޖީ އަށް ކުޅޭ އިޓަލީގެ ހުނަރުވެރި މިޑްފީލްޑަރު މާކޯ ވެރާޓީ ދިން ރީތި ޕާހަކުން އިމޯބިލޭ ފޮނުވާލި ބޯޅަ ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ މަތަކުރިއެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، އިޓަލީގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު ޕޯޗުގަލްގެ ހޯސޭ ފޮންޓް ބޮލުން ފޮނުވާލި ބޯޅަ ވެސް ގޯލަށް ނުވަނީ ހަމަކިރިޔާއެވެ. މިހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ޕޯޗުގަލްގެ ވިލިއަމް ކަވާލިއޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އިޓަލީގެ ޒުވާން ގޯލްކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ ވަނީ އުނދަގުލުން މަތަކޮށްފައެވެ.

އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އިޓަލީގެ ލޮރެންޒޯ ޕެލެގްރިނީ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެޓީމުގެ ފްލޮރެންޒީ ހުރަހަކުން ނަގައިދިން ބޯޅަ އޭނާ ބޮލުން ފޮނުވާލުމުން ޕޯޗުގަލްގެ ކީޕަރު ޕެޓްރީސިއޯ ވަނީ ފަސޭހަކަމާއެކު މަތަކޮށްފައެވެ.

ޕޯޗުގަލް އާ ދެކޮޅަށް އިޓަލީ ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މިމެޗުގައި ޕޯޗުގަލްގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތައް ހުއްޓުވުމުގައި އިޓަލީގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރީ އެޓީމުގެ ކެޕްޓަން ޖިއޯޖިއޯ ކިއެލީނީ އެވެ. ރޭގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދިން 100 ވަނަ މެޗެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ ޖުމްލަކޮށް ބަލާއިރު އޭނާގެ ޓީމުގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނުނު ކަމަށާއި ދެވަނަ ހާފުގައި ތަންކޮޅެއް ދަށްކޮށް ދިޔަ ނަމަވެސް އެންމެ ފަހުން ޕޮލެންޑް އާ ދެކޮޅަށް މި މުބާރާތުގައި ކުޅުނު މެޗާއި އަޅާ ބަލާއިރު ކުރިއަށްވުރެ ކުޅުން ރަނގަޅުވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ބުނި ގޮތުގައި ގޯލެއް ކާމިޔާބުކުރުމަށްޓަކައި މިހާރަށް ވުރެ ބުރަކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ އޭނާގެ ޓީމަށް ފުރަތަމަ ހާފުގައި ވަރަށް އުނދަގޫތަކާއި ކުރިމަތިލާން ޖެހުނު ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ 15 މިނެޓަށްފަހު ދެން ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެއް ކަމަށެވެ. އޭގެ ސަބަބުން މެޗުގެ އޮއިވަރު ބަދަލުވެ ޕޯޗުގަލް ބޭނުންވާގޮތަށް ނަތީޖާ ނިކުތުމަށް ވަރަށް ބޮޑަށް އެހީތެރިވީ ކަމަށެވެ.

ނިމިދިޔަ ވޯލްޑްކަޕަށް ފަހު ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ޕޯޗުގަލް ޓީމުން އަދި ފުރުސަތު ނުލިބެ އެވެ. ދެ ފަހަރެއްގެ މަތިން ޓީމުން ބާކީކުރީ ރޮނާލްޑޯ އެގޮތަށް ބޭނުންވާތީ ކަމަށް ޕޯޗުގަލްގެ ކޯޗު ސަންޓޯސް މީގެކުރީން ބުނެފައިވާއިރު އެންމެ ފަހުން ޓީމަށް ނުނެގި ސަބަބު އޭނާ ހާމަކޮށްފައެއްނުވެއެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރަށުން ބޭރުގައި ތުރުކީ އަތުން 1-0 އިން ސްވިޑެން މޮޅުވިއިރު އަމިއްލަ ދަނޑުގައި ސްކޮޓްލެންޑް އަތުން އަލްބޭނިއާ ބަލިވީ 4-0 އިންނެވެ. މޮންޓެނީގްރޯ އާ ދެކޮޅަށް ކުޅުނު ތާރީޚީ މެޗުން 2-1 އިން ސާބިއާ މޮޅުވިއިރު ރޫމޭނިއާ ވަނީ އަމިއްލަަ ދަނޑުގައި 3-0 އިން ލިތުއޭނިއާ ބަލިކޮށްފައެވެ. މޯލްޓާ އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކޮސޮވޯ މޮޅުވިއިރު އަޒަރްބައިޖާން ވަނީ 2-0 އިން ފެރޯ އައިލެންޑްސް އަތުން މޮޅުވެފައެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، އިންގްލެންޑް އާ ކްރޮއޭޝިއާ ބައްދަލުކުރާ މެޗާއި ސްވިޒަލޭންޑް އާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗު ހިމެނެއެވެ. އިންގްލެންޑް އާ ކްރޮއޭޝިއާ ބައްދަލުކުރާ މެޗު މިރޭ ރާއްޖޭގަޑިން 19:00 ގައި ފެށުމަށް ހަމަޖެހިފައިވާއިރު ސްވިޒަލޭންޑް އާ ދެކޮޅަށް ބެލްޖިއަމް ނިކުންނާނީ މިރޭ ރާއްޖޭގަޑިން 00:45 ގައެވެ.