ޗައިނާގެ ރައީސްނޝީ ޖިންޕިންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި ރާއްޖެ ވަޑައިގެންނެވި ޗައިނާގެ ޓޫރިޒަމް މިނިސްޓަރ ލުއޯ ޝޫގާންގް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ބައްދަލު ކުރައްވައިފިއެވެ.
ރައީސް ސޯލިހު އާއި ލުއޯގެ ބައްދަލުވުން ބާއްވާފައިވަނީ މިއަދު ރައިސް އޮފީހުގައެވެ. ލުއޯ ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ރައީސް ޔާމީން ވެރިކަމުގައި ޗައިނާ އާއި އެކު ގާތް ގުޅުމެއް ބާއްވާފައިވާ އިރު ޗައިނާއިން ވަނީ ރާއްޖޭގައި ގިނަ މަޝްރޫއުތައް ހިންގާފައެވެ. އެގޮތުން ސިނަމާލެ ބްރިޖާއި، ދަރުމަވަންތަ ހޮސްޕިޓަލާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އަޕްގްރޭޑިން މަސައްކަތް ހިމެނެއެވެ.
އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކާމިޔާބު ކުރެއްވުމާއި ގުޅިގެން ޗައިނާއިން ބުނެފައިވަނީ އާ ސަރުކާރާއި ގުޅިގެން އިތުރު ތަރައްޤީ ރާއްޖެއަށް ގެނެވޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.