އެމެރިކާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު އަލައިނާ ޓެޕްލިޓްޒް، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު އަށް މިއަދު އަރުވައިފިއެވެ.
މިއަދު ހެނދުނު ރައީސް އޮފީހުގައި ަބޭއްވެވި މި ރަސްމިއްޔާތުގައި ފަތްކޮޅު އެރުވުމަށްފަހު، އެމެރިކާގެ އާ ސަފީރާ ރައީސް ސޯލިހު ބައްދަލުކުރައްވައި، ސަފީރަށް ތަޙުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ފޮނުއްވި ދައުވަތު ޤަބޫލުފުޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޤާނޫނީ ހުވައި ކުރެއަވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމުން، އެކަމަށްޓަކާ ޝުކުރުއަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ކުރެވެންހުރި މަސައްކަތްތަކާމެދު ޚިޔާލުފާޅުކުރެއްވިއެވެ. މީގެއިތުރުން ދެޤައުމުންވެސް އެޤައުމަކަށް ވެވެން އޮތް މިންވަރަކުން އެހީތެރިކަން ފޯރުކޮށްދިނުމާއިމެދު މަޝްވަރާ ކުރައްވައި، އުފާ ފާގަތި މުސްތަޤްބަލަކަށް އެދިވަޑައިގެންނެވިއެވެ.