ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެކި ޤައުމްތަކުން ވަޑައިގެން ތިއްބެވި ބައެއް އިއްޒަތްތެރިން އެމަނިކުފާނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
އެގޮތުން މިއަދު ރައީސް އޮފީހުގައި ވަކިވަކިން ބޭއްވި މި ބައްދަލުވުންތަކުގައި އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތް ކަމަށްޓަކައި ރައީސް ސޯލިހު ވަނީ އެ ފަރާތްތަކަށް ޝުކުރު ދަންނަވާފައެވެ. އަދި އެ ރަސްމިއްޔާތަށް ދައުވަތު އެރުވީތީ އެފަރާތްތަކުން ވެސް ވަނީ ރައީސް ސޯލިހު އަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުންތަކުގައި ރާއްޖެއާއި އެ ޤައުމްތަކާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވޭނެ ގޮތްތަކާއި މެދު ވެސް ވަނީ މަޝްވަރާކުރައްވާފަ އެވެ.
މިއަދު ރައީސް ސޯލިހު އާއި ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ސީޝެލްސްގެ ކެބިނެޓް ސެކްރެޓަރީ މުޙައްމަދު އަފީފް އާއި ސައުތު އޭޝިއަން އެސޯސިއޭޝަންސް ފޮރ ރީޖަނަލް ކޯޕޮރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އަމްޖަދް ޙުސައިން އާއި ސްރީލަންކާގެ ކުރީގެ ރައީސް ހަރ އެކްސަލެންސީ ޗަންދްރިކާ ބަންޑާރަނައިކެގެ އިތުރުން މޮރޮކޯ ރަސްގެފާނުގެ މަންދޫބު، ސެކްރެޓަރީ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އެންޑް އިންޓަރނޭޝަނަލް ކޯޕަރޭޝަން، ހަރ އެކްސެލެންސީ މައުނިޔާ ބައުސެޓާ އަދި ޖަޕާނުގެ މެންބަރ އޮފް ހައުސް އޮފް ރިޕްރެޒެންޓޭޓިވް (ސްޕެޝިއަލް އެންވޯއި) ހިޒް އެކްސަލެންސީ ވަޓަރު ޓަކެޝިޓާ ވެސް ހިމެނިވަޑައިގަންނަވަ އެވެ.
ރައީސް ސޯލިހު ރައީސުލްކުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްޓަކައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 46 ޤައުމެއްގެ މަންދޫބުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.