އާ ސަރުކާރުގެ މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ ސިފައިންގެ އިސްވެރިންނާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
މިއީ މަޤާމާއި ހަވާލުވެވަޑައިގަތް ފަހުން ސިފައިންނާއި މާރިޔާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. އެގޮތުން މިއަދުގެ ބައްދަލުވުން ބޭއްވީ މިނިސްޓަރ މާރިޔާ އާއި އެމްއެންޑީއެފްގެ އިސްވެރިން ތަޢާރަފްވުމަށްޓަކައި ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިއަދު ބަންޑާރަ ކޮށީގައި ކުރިއަށްގެންދިޔަ މި ބައްދަލުވުމުގައި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ތަފާތު ޔުނިޓްތަކާއި ސެކްޝަންތަކުގެ ކޮމާންޑަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މާރިޔާ އަކީ ދިވެހިރާއްޖޭގެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރުކަން ފާހަގަކޮށްލެވެ އެވެ. މާރިޔާ ޑިފެންސް މިނިސްޓަރަކަށް ރޭ އައްޔަން ކުރެއްވި އިރު، އިއްޔެ މާރިޔާ ވަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރުކަމުގެ ގޮނޑިން އިސްތިއުފާ ދެއްވާފައެވެ.
ޤާނޫނީ ދާއިރާއިން ތައުލީމް ހާސިލް ކުރައްވައިގެން ހުންނެވި މާރިޔާ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެެއްވުމާއި ހަމައަށް އެމަނިކުފާނުގެ ތަރުޖަމާނެވެ.
މާރިޔާގެ އިތުރުން އިބޫގެ ކެބިނެޓުގައި ރިކޯޑު އަދަދަކަށް އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. އެގޮތުން 7 ބޭކަނބަލުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވައެެވެ.