Last Updated: April 19, 06:56
Friday, April 19, 2024
ޚަބަރު

ފުރަތަމަ 100 ދުވަހަށް އައްޑޫއިން 34 ކަމެއް ހުށަހެޅި، ސަރުކާރުން ކޮށްދެއްވަނީ އެންމެ ކަމެއް!

އިބޫ އައްޑޫގެ މޭޔަރ ސޯބެ އާއި އެކު، އައްޑޫއަށް ހާއްސަ މެނިފެސްޓޯއެއް އިއްތިހާދުން ވަނީ އުފައްދާފައި

އަލަށް ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލުން ޖުމްލަ 34 ކަމެއް ހުށަހެޅި ނަމަވެސް، އޭގެ ތެރެއިން އެމަނިކުފާނުގެ ޕްލޭނުގައި ހިމަނުއްވާފައި ވަނީ އެންމެ ކަމެކެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އައްޑޫ އަށް ސިޓީ އަށް ކޮށްދެއްވުމަށް އެދި ހުށަހެޅި އެންމެ ފުރަތަމަ ކަމަކީ އައްޑޫ ސިޓީގެ ކަރަންޓްގެ މައްސަލައަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ. އަދި އައްޑޫ ޑިވެލޮޕްމެންޓް މާސްޓަރ ޕްލޭން އަދި އާރބަން ޕްލޭން ހަދައި، 3ޑީކޮށް ކުރެހުމާ ވީޑިއޯ ހެދުމަށް މަގުފަހިކޮށްދިނުމާއި، ބޯހިޔާވަކިކަމާއި އިޤްތިސާދީ މަސައްކަތް ހިންގުމަށް ހިއްކަން ޖެހޭ ހުރިހާ ބިމެއް އެއްފަހަރާ ހިއްކާ ގޮތަށް ބިން ހިއްކަން ފެށުމާއި ހަވާލު ނުކުރެވި ހުރި ފްލެޓްތައް ހަވާލުކުރުމަށް މަގުފަހިކޮށް ދިނުމުގެ އިތުރުން ދައުލަތުގެ ބޭނުންތަކަށް ބިން ނެގުމާ ގުޅިގެން ހަވާލުކޮށްނުދެވި ހުރި ގޯތިތައް ހަވާލުކުރުމަށް މަގުފަހިކޮށްދިނުމާއި އަލަށް ގޯދި ދިނުމަށް މަގުފަހިކޮށް ދިނުން ހިމެނެއެވެ.

މީގެ އިތުރުން އައްޑޫގެ މަގުތައް ސާފުކުރުމާ މަގުތައް މަރާމާތުކޮށް ރަނގަޅަށް ބެލެހެއްޓޭނެ ރަނގަޅު އިންތިޒާމެއް ހަމަޖައްސައިދިނުމަށާއި، މަގުތައް ރަނގަޅު ފެންވަރަކަށް ހަދަން ފެށުމުގެ މައި މަޝްރޫޢު ފެށުމާއި، އައްޑޫގައި ސްޓޯރމް ވޯޓަރ މެނޭޖްމެންޓް ސިސްޓަމެއް ޤާއިމްކުރުމުގެ އިތުރުން އައްޑޫގެ މަގުބައްތިތަށް ރަނގަޅުކޮށް މަގުބައްތިތަކާ ބަނދަރު ބައްތިތައް ލެޑް ސޯލާރ ބައްތިތަކަށް ބަދަލުކުރަން ފެށުމަށް ވެސް ކައުންސިލުން ވަނީ ހުށަހަޅާފައެވެ.

އަދި ހިތަދޫ އެޅަދީދީ މަގާ އައްޑޫ ލިންކްރޯޑް ރީ ސަރފޭސްކުރުމާ މަރަދޫ އިން ފެށިގެން ގަމާ ހަމައަށް ބޮޑުމަގު މަރާމާތުކޮށް ދިނުމަށާއި، އައްޑޫގެ ބަނދަރުތަކުގެ ހަލާކުވެފައިވާ ކަނޑުތޮއްޓާ އެއްގަމުތޮށި މަރާމާތު ކުރެވޭ ގޮތް ހެދުމުގެ އިތުރުން މިސްކިތްތަކުގައި ކުރަން ހުރި މަރާމާތުކުރުމާ މިސްކިްތައް އެއާކޯން ކުރުމާ މިސްކިތްތަކަށް ސޯލަރ ކަރަންޓް ލެވޭ ގޮތް ހަދައި ދިނުން އަދި ކުޅިވަރު ބިންތަކާ ބޯޅަ ދަނޑުތަކާއި ޓަރފްދަނޑުތައް މަރާމާތުކޮށް ބެލެހެއްޓޭ ގޮތް ހަދައި ދިނުމުގެ އިތުރުން އައްޑޫގެ ޕަބްލިކް އޭރިއާތައް ސާފުކުރެވޭނެގޮތް ހަދައި ޑަސްޓްބިން ބެހެއްޓުމާ ބެލެހެއްޓޭނެ އިންތިޒާމު ހަމަޖައްސައި ދިނުން ވެސް ހިމެނެއެވެ.

ކައުންސިލުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި އެތެރޭގެ ވައިގެ ދަތުރުތަކުގެ އަގުހެޔޮ ކުރުމާ އިތުރު އެއަރލައިންތަކަށް ގަމަށް އުދުހުމަށް ފުރުސަތު ހުޅުވައިދިނުމާއި ޕާސްޕޯޓްގެ ޚިދުމަތް ފަސޭހަކޮށް ދިނުމުގެ ގޮތުން ހިތަދޫގައި މިހާރު ހުރި ޔުނިޓްގެ އިތުރުން ފޭދޫ އާއި ހުޅުދޫގައި ވެސް ޕާސްޕޯޓަށް އެޕްލައި ކުރުމުގެ ޚިދުމަތް ދެވޭ ގޮތް ހެދުމާއި ސިޓީގެ ބިދޭސީންގެ ކަންކަން ކައުންސިލުން މޮނިޓަރ ކުރެވޭނެ ގޮތް ހަމަޖެއްސުން ވެސް ހިމެނެއެވެ.

އަދި މިއާއެކު އައްޑޫގެ ރައްޔިތުންނަށް މީރާ އިން ދޭ ޚިދުމަތްތައް ފަސޭހަކޮށްދިނުމުގެ ގޮތުން ހިތަދޫގެ އިތުރުން ފޭދޫ އާއި ހުޅުދޫގައި ވެސް މީރާގެ ބްރާންޗެއް ހުޅުވުމާއި، އައިޑީ ކާޑޫ ހެދުމަށް ސިޓީ ކައުންސިލުން ޑީއެންއާް އަށް ހުށަހެޅުމުން ޑީއެންއާރް އެޕްރޫވްކުރާ ކާޑު ސިޓީ ކައުންސިލުން ޕްރިންޓް ކުރެވޭ ގޮތް ހަދައި ދިނުމާއި، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިތިބި ފަރާތްތައް އަނބުރައި މުޖުތަމަޢަށް ގެނައުމަށް މަސައްކަތް ކުރެވޭގޮތް ހަދައިދިނުމާއި، ފެށިފައިވާ ތަރައްޤީގެ މަޝްރޫޢުތައް ރިވިއު ކުރުމުގެ އިތުރުން ސިޓީ ސިވިލް ފަޔަރގެ އޮނިގަނޑު އިސްލާހުކޮށް އަލިފާނުގެ ހާދިސާތަކާ، ފެންބޮޑުވުމާ، އުދައެރުމާ، ޤުދުރަތީ ކާރިސާތަކާ އެކްސިޑެންޓްތައްފަދަ ހާދިސާތަކަށް އެޓެންޑް ވެވޭގޮތުން ހަދައި ޚިދުމަތްތަކަށް ބޭނުންވާ ވަސީލަތްތައް ޤާއިމްކޮށް މެނޭޖްކުރުމުގައި ސިޓީ ކައުންސިލްގެ ދައުރު ހިމެނުން ވެސް ހިމެނެއެވެ.

މީގެ އިތުރުން ކައުންސިލުން ވަނީ ސިޓީ ޕޮލިސް ސްޓްރަކްޗަރ ހެދި ސިޓީ ޕޮލިސް އާއި ސިޓީ ކައުންސިލާއެކު ޝެޑިއުލްޑް ކޯޑިނޭޝަން ތަޢާރަފް ކުރުމަށާއި، އައްޑޫގެ ޓޫރިޒަމް ދާއިރާ ކުރިއެރުވުމުގެ މަޝްރޫޢު ފެށުމާއި ހަންކެޑެ ރިސޯރޓް މަސައްކަތް ފެއްޓެވުމާއި އެންމަސް އާލާކުރުމުގެ މަޝްޜޫއެއް ފަށައި އައްޑޫ މަސްފެކްޓަރީ އޮޕަރޭޝަނަށް ގެނައުމަށް ވެސް ހުށަހަޅާފައެވެ.

އަދި އީސީސީގައި ހަދަމުންދާ ޓާރޝަރީ ހޮސްޕިޓަލްގެ މަޝްރޫޢު ޕްރައިވެޓް ހޮސްޕިޓަލެއްގެ މަޝްރޫޢަކަށް ބަދަލުކޮށް، އައްޑޫގައި އާ ޓާރޝަރީ ހޮސްޕިޓަލެއް ހެދުމުގެ މަޝްރޫޢު އަލުން އެކުލަވާލުމާ އެ ހޮސްޕިޓަލް ހިތަދޫ ޕޮލިސް ޓްރޭނިން ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތް ކުރާގޮތަށް ހަމަޖެއްސުމުގެ އިތުރުން ހިތަދޫގައި މިހާރު ހިނގަމުންދާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް އެމްއެންޔޫގެ ދެކަލްސީ އޮފް ހެލްތު ސައިންސެސްގެ ސްކޫލް އޮފް ނަރސިންގ ބަދަލުކުރާ ގޮތަށް ރޭވުން ވެސް ހިމެނެއެވެ.

އަދި ލުއި ލޯން ސްކީމް ތަޢާރަފްކުރުމާ ޒުވާން ވިޔަފާރިވެރިން އުފެއްދުމުގެ މަޝްރޫޢު ފަށައި، ދިވެހިރާއްޖޭގެ ފުރަތަމަ ޕްލާސްޓކް ރޯޑްގެ މަސައްކަތް އައްޑޫގައި ފަށައި، އައްޑޫ ސިޓީ ސްކޮއަރ އަލުން ހަދައި ކުލަގަދަ ރަސްމިއްޔާތެއްގައި ސިޓީ ސްކޮއަރގެ ކޯއްޓޭއަށް ޤައުމީ ދިދަ ނެގުމާއި، ކުލަގަދަ އަދި ފޯރިގަދަ ރަސްމިއްޔާތެއްގައި އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް (އޭއައިއޭ) ހުޅުވުމަށް ވެސް ސިޓީ ކައުންސިލުން ވަނީ އާ ސަރުކާރަށް ހުށަހަޅާފައެވެ.

އެހެންނަމަވެސް މި ހުރިހާ ކަންތަކެއްގެ ތެރެއިން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަސް ތެރޭގައި ކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމަނާފައި ވަނީ އެންމެ ކަމެކެވެ. އެއީ އައްޑޫ ސިޓީ ކައުންސިލުން ހުށަހެޅި ލިސްޓުގައި 33 ވަނަ އަށް ހިމަނާފައިވާ، އައްޑޫ ސިޓީ ސްކޮއަރ އަލުން ހަދައި ކުލަގަދަ ރަސްމިއްޔާތެއްގައި ސިޓީ ސްކޮއަރގެ ކޯއްޓޭއަށް ޤައުމީ ދިދަ ނެގުމެވެ. މިނޫން އެއްވެސް ކަމެއް ރައީސް ސޯލިހުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގައި ކުރައްވަން ރާވާފައިވާ ކަންތައްތަކުގެ ލިސްޓުގައި ހިމަނުއްވާފައެއް ނުވެއެެވެ.

އެހެންނަމަވެސް އެ ލިސްޓުގައި އެހެން ސަރަހައްދުތަކަށް ހިމަނާފައިވާ ކަންކަމަށް ބަލާއިރު، އައްޑޫ އާއި އެންމެ ކައިރީގައިވާ ފުވައްމުލަކު ސިޓީގެ މަގު ފުޅާކޮށް، މަގު ހަދަން ފެށޭނެ ކަމަށް ވަނީ ހިމަނާފައެެވެ.

އެހެންކަމުން އައްޑޫ މަގު ހެދުމާއި ތަރައްްޤީގެ އެެއްވެސް ކަމެއް ފުރަތަމަ 100 ދުވަހު ފެށޭނެކަމަށް ހިމަނާފައި ނުވާތީ، ރައީސް ސޯލިހު އަށް އައްޑޫ ރައްޔިތުންގެ ތެރެއިން ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ.

ހިތަދޫ ސްޓޭޓު ސުކުއާއަކީ 17 ވަނަ ސާކް ސަމިޓަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހެއްދެވި ތަނެކެވެ. ސަމިޓަށް ފަހު އެތަނުގައި ހުރި ދިުދަ ދަނޑިއަށް ދިދައެއް ނުނަގާއިރު އެތަނުގައި ހުރީ ހުސް ދިދަ ދަނޑިއެކެވެ. އެ ދިދަ ދަނޑި ހައުސިން މިނިސްޓަރ މުއިއްޒުގެ އެންގުމަށް ވަނީ ބުޑު ތަޅާލައި ނަގާފައެވެ.