ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ އަރިހަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޤާސިމް އިބްރާހީމާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މިބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާއި ހަވާލުވެވަޑައިގަތުމާ ގުޅިގެން، ޤާސިމް އާއި މޫސަ ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ވިދާޅުވެފަ އެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު މަޤާމުގެ ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގެ އެންމެހައި އިންތިޒާމުތައް ފުރިހަމައަށް ގެންގޮސްދެއްވި ކަމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސަށް ޝުކުރު އަދާ ކުރެއްވިއެވެ. އަދި، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަކީ ޑިމޮކްރެސީގެ ހަމަތަކާއި އުސޫލުތައް ހިފަހައްޓާ ނަމޫނާ މުއައްސަސާއަކަށް ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި ބައްދަލުކޮށްލެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ޤައުމުގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ދެއްވެން އޮތް އެއްބާރުލެއްވުމެއް ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ސޯލިހު އަށް އެރުވިއެވެ.