Last Updated: June 20, 07:32
Saturday, June 20, 2026
ޚަބަރު

މުފްތީ މެންކް، ރައީސް ސޯލިހު އަށް މަރުޙަބާ ދަަންނަވައިފި

އިއްޔެ މަޤާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ދުނިޔޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް އިބްނު މޫސާ މެންކު (މުފްތީ މެންކް) މަރުޙަބާ ވިދާޅުވެއްޖެ އެވެ.

މުފްތީ މެންކް މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ދިވެހިރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމާއި ގުޅިގެން އިބްރާހިމް މުހައްމަދު ސޯލިހު އަށް ހިތުގެ ފުންމިނުން މަރުޙަބާ ދަންނަވާ ކަމަށެވެ.

އަދި އެމަނިކފުާނުގެ ވެރިކަމުގައި ދިވެހި ޤައުމަށް ކުރިއެރުމާއި ހެވާއި ލާބައާއި ސުލްޙަވެރިކަމާއި ފާގަތިކަން މިންވަރު ކުރެއްވުމަށް ދުޢާކުރައްވާ ކަމަށެވެ. އަދި މާތް ރަސްކަލާނގެ ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް ހެޔޮ ރަޙުމަތް ލެއްވުމަށް ވެސް މުފްތީ މެންކް ވަނީ ދުޢާކުރައްވާފަ އެވެ.

ރިޔާސީ އިންތިޚާބު ބޮޑު ތަނުން ކާމިޔާބުކުރެއްވި ރައީސް އިބޫ ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމް، މަޤާމުގެ ހުވާކުރެއްވީ އިއްޔެ ހަވީރު ގަލޮޅު ރަސްމީ ބޯޅަ ދަނޑުގައި އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފިޔަވައި ރާއްޖޭގެ ވެރިކަންކުރެއްވި ހުރިހާ ރައީސުންނާއި މަޖިލިސް މެމްބަރުންނާއި އެހެނިހެން އިއްޒަތްތެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން 46 ޤައުމެއްގެ މަންދޫބުން ވެސް ވަނީ އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ރައީސް ސޯލިހު ހުވާކުރައްވައި ދިވެހި ޤައުމާއި ހަވާލުވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ފަރާތްތަކުން ދަނީ އެމަނިކުފާނަށް މަރުޙަބާ އާއި މުބާރަކްބާދީ ދަންނަވަމުންނެވެ.