Last Updated: April 23, 18:00
Tuesday, April 23, 2024
ކުޅިވަރު

ފަހަތުން އަރައި ކްރޮއޭޝިއާ ބަލިކޮށް އިންގްލެންޑް ސެމީ އަށް

ކްރޮއޭޝިއާ ކޮޅަށް ލަނޑުޖެހުމަށްފަހު އިންގްލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގައި މިރޭ ކުޅެވުނު މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ކްރޮއޭޝިއާ އިން ކާމިޔާބުކުރި ގޯލުން އެޓީމު މޮޅުވާން ދަނިކޮށް ފަހަތުން އަރައި ދެލަނޑު ކާމިޔާބުކޮށްގެން އަންނަ އަހަރު އޮންނަ މި މުބާރާތުގެ ސެމީ ފައިނަލުން އިންގްލެންޑް ފުރުޞަތު ހޯދައިފިއެވެ. މިމެޗުން އިންގްލެންޑް މޮޅުވީ 2-1 އިންނެވެ.

މި މެޗުން މޮޅުވެ އިންގްލެންޑް ވަނީ ލީގު އޭގެ ގްރޫޕު ހަތަރެއްގެ އެއްވަނަ ޓީމުގެ ގޮތުގައި އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ފައިނަލް ބުރުން ޖާގައެއް ކަށަވަރުކޮށްފައެވެ. އިންގްލެންޑަށް ކުޅުނު ހަތަރު މެޗުން ހަތް ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތީ ފަސް ޕޮއިންޓާއެކު ސްޕެއިން އެވެ. އިންގްލެންޑް އަތުން ބަލިވި ކްރޮއޭޝިއާ އަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު އެޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

އިންގްލެންޑުން މިމެޗަށް ނިކުތީ އެޓީމު އެންމެ ފަހުން އެމެރިކާ އާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެމެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން މިމެޗުގައި ކުޅުމުގެ ފުރުޞަތު ދީފައިވަނީ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް އާއި ބެން ޗިލްވެލްގެ އިތުރުން ފަބިއެން ޑެލްފް އަށެވެ.

ކްރޮއޭޝިއާ އިން މިމެޗަށް ނިކުތްއިރު އެ ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ އަކީ ބާސެލޯނާ އަށް ކުޅޭ ހުނަރުވެރި މިޑްފީލްޑަރު އިވާން ރަކިޓިޗް އަށް އަނިޔާގެ ސަބަބުން މިމެޗުގައި ނުކުޅެވުމެވެ. އޭނާގެ ބަދަލުގައި މިމެޗުގެ ފުރަތަމަ އެގާރައިން ޖާގަ ދީފައިވަނީ ނިކޮލާ ވްލަސިޗް އެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅެވުނު މެޗުގެ ކުރީކޮޅު، އިންގްލެންޑުން ވަނީ ކްރޮއޭޝިއާގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލައިފައެވެ. އެގޮތުން، އެ ޓީމުގެ ރަހީމް ސްޓާލިން އާއި ހެރީ ކޭން ފޮނުވާލި ހަމަލާތައް ކްރޮއޭޝިއާގެ ގޯލްކީޕަރު ލޮވްރޭ ކަލިނިޗް މަތަކުރިއިރު ޖޯން ސްޓޯންސް ބޮލުން ފޮނުވާލި ދެ ހަމަލާއެއް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

އޭގެފަހުން، ކްރޮއޭޝިއާގެ އަންދްރޭ ކްރެމަރިޗް އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިކައިރިން ބޭރަށް ދިޔައިރު އިންގްލެންޑްގެ ފުލްބެކް ބެން ޗިލްވެލް ފޮނުވާލި ހަމަލާ ކްރޮއޭޝިއާގެ ކީޕަރު ކަލިނިޗް މަތަކުރިއެވެ.

މިހާފުގައި ކްރޮއޭޝިއާގެ ފުލްބެކް ސިމޭ ވްރިޝާލްކޯ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރިއިރު އޭނާގެ ބަދަލުގައި ކުޅެން ނިކުތީ އެންޓޯނިއޯ މިލިޗް އެވެ.

ކްރޮއޭޝިއާ ކޮޅަށް އިންގްލެންޑް މޮޅުވި ލަނޑު، އެޓީމުގެ ހެރީ ކޭން (ވ) ވައްދާލަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ފުރަތަމަ ހާފު ނިމުމުގެ ކުރީން، އިންގްލެންޑަށް ލީޑްނަގައިދިނުމަށް ރޮސް ބާކްލޭ އަށް ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ބޮލުން ޖައްސާލި ޕާހަކުން ބާކްލޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މިހާފު ނިމުނީ ދެޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ދެވަނަ ހާފު ފެށިގެން 12 ވަރަކަށް މިނެޓުގެތެރޭގައި ކްރޮއޭޝިއާ އިން ލީޑްނެގިއިރު މިލަނޑު އެ ޓީމަށް ޖަހައިދިނީ އަންދްރޭ ކްރެމަރިޗް އެވެ. މިއީ އެ ޓީމުގެ ވްލަސިޗް ދިން ބޯޅައަކުން ކްރެމަރިޗް ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ކްރޮއޭޝިއާގެ ލީޑް ފުޅާކުރުމަށް އިވާން ޕެރިސިޗްގެ އިތުރުން މާސެލޯ ބްރޮޒޮވިޗް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. ޕެނަލްޓީއޭރިޔާގެ ވާތްފަރާތުން ބްރޮޒޮވިޗް ފޮނުވާލި ބޯޅަ ގޯލަށްވުރެ މާ މަތިން ދިޔައިރު ވަރަށް ހަނި އެންގާލަކުން ޕެރިސިޗް ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އިންގްލެންޑަށް ނަތީޖާ ހަމަހަމަކުރުމަށް ކައިލް ވޯކާ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ކަލިނިޗް މަތަކުރިއެވެ.

މެޗުގެ ފުރިހަމަ ވަގުތުހަމަވާން 12 މިނެޓަށްވެފައިވަނިކޮށް، މިހާފުގައި ކުޅެން ނިކުތް ޖެސޭ ލިންގާޑް ވަނީ އިންގްލެންޑަށް އެއްވަރުކޮށްދީފައެވެ. މިއީ އެ ޓީމުގެ ހެރީ ކޭން ފޮނުވާލި ބޯޅައެއް ކްރޮއޭޝިއާގެ ކީޕަރު ކަލިނިޗް މަތަކުރުމުން ގޯލްގެ ރޮނގު ކައިރީގައި ހުހަށްހުރި ލިންގާޑް ވަރަށް ހަމަޖެހިލާފައި، މަޑުމަޑުން ގޯލްގެ ތެރެއަށް ވައްދާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެ ހަތަރު މިނެޓުފަހުން، ކްރޮއޭޝިއާ އަށް އަލުން ލީޑްނަގައިދިނުމަށް ޖޮސިޕް ބްރެކާލޯ އަށް ލިބުނު ފުރުޞަތުގައި އޭނާ ފޮނުވާލި ބޯޅަ އިންގްލެންޑްގެ ކީޕަރު ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.

ކްރޮއޭޝިއާ އަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް އިންގްލެންޑުން އިތުރު ގޯލެއް ކާމިޔާބުކޮށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކުރުމެވެ. މިއީ އެ ޓީމުގެ ވާތު ފުލްބެކް ޗިލްވެލް ނަގައިދިން ހިލޭޖެހުމަކުން ކެޕްޓަން ކޭން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ލީގު އޭގައި ހިމެނޭ ހަތަރު ގްރޫޕުގެ ތެރެއިން ކޮންމެ ގްރޫޕެއްގެ އެއް ވަނަ ހޯދާ ޓީމު އަންނަ އަހަރުގެ ޖޫން މަހު އޮންނަ ފައިނަލް ބުރަށް ހޮވޭއިރު، އިންގްލެންޑް ވެފައިވަނީ ޕޯޗުގަލް އަށް ފަހު ނޭޝަންސް ލީގުގެ ފައިނަލް ބުރުން މިހާތަނަށް ޖާގަ ހޯދި ދެވަނަ ޓީމަށެވެ.