Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީ އަށް ހުރަސްއަޅާ ޤައުމެއް: އަދީލް

ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަހްމަދު އަދީލް ނަސީރު - ފޮޓޯ: ޓްވިޓާ

އިންޑިއާ އަކީ ދިވެހިރާއްޖޭގެ ތަރައްޤީ އަށް ހުރަސްއަޅާ ޤައުމެއް ކަމަށް އައްޑޫ ސިޓީ ހިތަދޫ، ޝަރަފުއްދީން ސްކޫލްގެ ޕްރިންސިޕަލް އަހްމަދު އަދީލް ނަސީރު ވިދާޅުވެއްޖެ އެވެ.

އަދީލް މިހެން ވިދާޅުވީ އިއްޔެ ފޭސްބުކް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓްގައި އަދީލް ވިދާޅުވެފައި ވަނީ އިންޑިއާ އަކީ ރާއްޖޭގެ ތަރައްޤީގެ ދުވެއްޔަށް ހުރަސްއަޅާ ޤައުމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް އެކަމާއި ގުޅޭ އިތުރު އެއްވެސް އެއްޗެއް އަދީލް ވިދާޅުވެފައެއް ނުވެއެވެ.

އަދީލް މިހެން ވިދާޅުވިއިރު، ޝަރަފުއްދީން ސްކޫލަކީ ގިނަ އަދަދެއްގެ އިންޑިއާ މުދައްރިސުން މަސައްކަތްކުރާ ސްކޫލެއްކަން ފާހަގަކުރެވެއެވެ.

އަދީލް މިހެން ވިދާޅުވި ސަބަބެއް ސާފުވެފައި ނުވާއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރަ މޯދީ ވަނީ އިއްޔެ މަޤާމާއި ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންފަ އެވެ.

މޯދީ ވަނީ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސް ސޯލިހު އާއި ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރައްވާފައެވެ.

އެގޮތުން މޯދީ އާއި ރައީލސް ސޯލިހު ވަނީ އާ ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި ރާއްޖޭގައި ގެދޮރު އިމާރާތްކުރުމާއި ފެނާއި ނަރުދަމާގެ ޚިދުމަތްތައް ރަށްރަށުގައި ޤާއިމްކުރުމުގެ މުހިންމުކަމަށް ރައީސް ސޯލިހު ވަނީ އަލިއަޅުއްވާލައްވާފައެވެ.

މޯދީ ވަނީ ރާއްޖެއަށް ދެމެހެއްޓެނިވި އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ ހާސިލްކުރުމަށްޓަކައި އިންޑިއާ އިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސް ސޯލިހު އަށް ދެއްވާފައެވެ.

ރައީސް ސޯލިހުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް މޯދީ ރާއްޖެއަށް ވަޑައިގެންފައިވާއިރު، މިއީ މޯދީ ރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މޯދީ އެނބުރި އިންޑިއާ އަށް ފުރާވަޑައިގެންފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.