"ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު އެކުލަވައިލައްވައިފިއެވެ.
ރައީސް އޮފީހުން ބުނާ ގޮތުގައި މި ކޮމިޓީ އުފެއްދެވުމުގެ މަޤްސަދަކީ ސިޔާސީ މަޤުޞަދެއްގައި ޖިނާއީ ތުހުމަތެއް ކޮށް، ހައްޔަރު ކޮށްފައިވާ ފަރާތްތައް މިނިވަންކުރުމުގެ މަސައްކަތްޕުޅު ކުރިއަށް ގެންދެވުން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ ދުވަހު މި މަސައްކަތްޕުޅު ފެށްޓެވުމުގެ ގޮތުން، އެ ކޮމިޓީ އެކުލަވާލައްވާފައިވަނީ 17 ނޮވެންބަރު 2018 ވީ ހޮނިހިރު ދުވަހު ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.
އެކޮމިޓީގައި ހިމެނިވަޑައިގަންނަވާނީ:
1. މިނިސްޓަރ އޮފް ހޯމް އެފެއާޒް، އިމްރާން އަބްދުﷲ
2. ކޮމިޝަނަރ އޮފް ޕޮލިސް، ހަމްދޫން ރަޝީދު
3. ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ
4. ބަންޑާރަ ނައިބު، އިބްރާހިމް ރިފްއަތު
ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިތް އިރު ސިޔާސީ ހައްޔަރީން ގޮތުގައި ޖަލުގައި ތިއްބެވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި އދ. މާމިގިލީ ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާން އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނަރަލް (ޕީޖީ)، މުހުތާޒު މުހުސިން އެވެ. އެ ހަތަރު ބޭފުޅުން ވެސް ވަނީ މިރޭ ގޭބަންދަށް ބަދަލުކޮށްފަ އެވެ.
މި ހަތަރު ބޭފުޅުން ގޭބަންދަށް ބަދަލުކޮށްފައިވާއިރު، ނުޙައްޤުން ޖަލަށްލާފައިވާ ފަރާތްތައް މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.