Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯދަން ކޮމިޝަނެއް އެކުލަވާލައްވައިފި

"ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ" ގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހި އިއްޔެ ކޮމިޝަނެއް އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ކޮމިޝަން އެކުލަވައި ލައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ.

މި ކޮމިޝަންގެ މަޤްޞަދަކީ ދައުލަތުން ގެއްލިފައިވާ ފައިސާތައް ދައުލަތަށް ހޯދުމާއި، ދައުލަތުގެ އެކި ފަންތީގައި ތިބި ފަރާތްތަކުން ވެފައިވާ ޚިޔާނަތްތަކާއި، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުމުގެ މައްސަލަތައް އެކަށީގެންވާ މިންވަރަށް ތަޙުޤީޤު ކުރެވި އިންސާފު ޤާއިމު ކުރެވިފައި ނުވަނީ، އެފަދަ މައްސަލަތައް ތަޙުޤީޤުކޮށް އިންސާފު ޤާއިމުކުރުމަށް އުފައްދާފައިވާ މުއައްސަސާތަކާއި، ދައުލަތުގެ އިދާރާތަކުން އެފަރާތްތަކާ މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވާތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައި ވެއެވެ.

މި ކޮމިޝަނުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން:

1. އަލްފާޟިލް އަޙްމަދު އަސްޢަދު، މާތޮޑާއަވަށް. ގުލްފާމުގެ، ގދ. ފަރެސްމާތޮޑާ
2. އަލްފާޟިލް ޢާޞް ޢަބްދުﷲ، ދަޑިމަގު. ގާޑެންގްރޯވ، ޏ. ފުވައްމުލައް
3. އަލްއުސްތާޛު ނަދީމް އިބްރާހީމް، ދަފްތަރު ނަންބަރު ރސ 7006
4. އަލްއުސްތާޛާ ޢާއިޝަތު ޙަނާ ވަޙީދު، މ. ހާޑްރޮކް
5. އަލްފާޟިލާ ފާޠިމަތު ސަރީރާ ޢަލީ ޝަރީފު، ދަފްތަރު ނަންބަރު ދރ 1320

މި ކޮމިޝަންގެ ރައީސް ކަމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ އަޙްމަދު އަސްޢަދެވެ.

މި ކޮމިޝަނަކީ، ކޮމިޝަނުން ތަޙުޤީޤުކުރެވޭ މައްސަލަތަކާ ގުޅިގެން ތަޙުޤީޤީ އިދާރާއަކުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތަކެއް އެޅުމާއި، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރާ އިދާރާއަކަށް ލިބިދޭ އެންމެހައި ބާރުތަކެއް ލިބިގެންވާ ކޮމިޝަނެކެވެ.