Last Updated: April 20, 07:18
Saturday, April 20, 2024
ކުޅިވަރު

ފަސޭހަކަމާއެކު ބެލްޖިއަމް ބަލިކޮށް ސްވިޒަލެންޑް ސެމީ އަށް

ބެލްޖިއަމް ކޮޅަށް ލަނޑުޖެހުމަށްފަހު ސްވިޒަލެންޑްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު 5-2 އިން ބެލްޖިއަމް ބަލިކޮށް ސްވިޒަލެންޑުން މި މިމުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ރޭގެ މެޗަށްފަހު ލީގު އޭގެ ގްރޫޕް ދޭއް ގެ ހުރިހާ މެޗެއް ކުޅެ ނިމުނުއިރު އެއްވަނައިގައި އޮތީ 9 ޕޮއިންޓާއެކު ސްވިޒަލެންޑް އެވެ. ބެލްޖިއަމް އަށް ވެސް މިއަދަދަށް ޕޮއިންޓްލިބިފައިވާއިރު ސްވިޒަލެންޑަށް ކުރި ލިބެނީ ދެ ޓީމުގެ ދެމެދުގައި ކުޅެވުނު މެޗުތަކުގެ ނަތީޖާގެ އެގްރިގޭޓުންނެވެ. މި ގްރޫޕުގެ އެންމެ ފުލުގައި އޮތް އައިސްލެންޑަށް ޕޮއިންޓެއް ލިބިފައިނުވާއިރު އެ ޓީމު ވަނީ ލީގު ބީ އަށް ރެލިގޭޓްވެފައެވެ.

އަންނަ އަހަރުގެ ޖޫން މަހު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗުތައް އޮންނާނީ ޕޯޗުގަލްގައެވެ. ފައިނަލް ބުރުން މިހާތަނަށް ޖާގަ ހޯދާފައިވަނީ ޕޯޗުގަލް އާއި އިންގްލެންޑުގެ އިތުރުން ސްވިޒަލެންޑް އެވެ. ސެމީގެ ފަހު ޖާގަ ލިބޭނީ ނެދަލެންޑްސް އާއި ފްރާންސްގެ ތެރެއިން ޓީމަކަށެވެ.

ސްވިޒަލެންޑުން ސެމީން ޖާގަ ހޯދީ ލޫސާންގެ ސްވިސްޕޯރއެރީނާގައި ރޭ ކުޅުނު މެޗުން ފީފާ ރޭންކިންގ އެއްވަނައިގައި އޮތް ބެލްޖިއަމް ދެލަނޑުޖަހާފައިވަނިކޮށް ފަހަތުން އަރައި ފަސްލަނޑު ކާމިޔާބުކޮށް ފަސޭހަކަމާއެކު މޮޅުވެގެންނެވެ.

މިމެޗު ފެށިގެން ފުރަތަމަ 17 މިނެޓުގެ ތެރޭގައި ސްވިޒަލެންޑްުގެ ޑިފެންސްލައިންގައި ހިމެނޭ ކުޅުންތެރިންނަށް ހެދުނު ގޯސްތަކުގެ ފައިދާނަގައި ބެލްޖިއަމުން ވަނީ ދެލަނޑުގެ ލީޑެއް ނަގައިފައެވެ. އެގޮތުން، އެ ޓީމުގެ ފުރަތަމަ ލަނޑު، ދެވަނަ މިނެޓުގައި ޖަހައިދިނީ ތޯގަން ހަޒާޑް އެވެ. ބެލްޖިއަމްގެ ދެވަނަ ލަނޑުވެސް ޖަހައިދިނީ އެޓީމުގެ ކެޕްޓަން އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން އެވެ. މިއީ އެ ޓީމުގެ ޔޫރީ ޓީލެމެންސް ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން، ސްވިޒަލެންޑުން ވަނީ ތިން ލަނޑުޖަހައިފައެވެ. އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 26 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރިކާޑޯ ރޮޑްރިގޭޒް ޖަހައިދިންއިރު މެޗުގެ 31 ވަނަ މިނެޓާއި 44 ވަނަ މިނެޓުގައި ހަރިސް ސެފަރޮވިޗް ވަނީ ދެލަނޑު ކާމިޔާބުކޮށް ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގައި ސްވިޒަލެންޑުން ވަނީ އިތުރު ދެލަނޑު ކާމިޔާބުކޮށްފައެވެ. އެ ޓީމުގެ ހަތަރުވަނަ ލަނޑު، މެޗުގެ 62 ވަނަ މިނެޓުގައި ނިކޯ އެލްވެޑީ ކާމިޔާބުކޮށްދިންއިރު ސެފަރޮވިޗް ވަނީ މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ސްވިޒަލެންޑްގެ ފަސްވަނަ ލަނޑުޖަހައިދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ހާފުގައި ބެލްޖިއަމްގެ އެޑެން ހަޒާޑް އާއި ޑްރީސް މާޓެންސް އަދި މިޝީ ބަޓްޝުއާޔީގެ އިތުރުން ޑެޑްރީކް ބޮޔާޓާ އަށް ލަނޑުޖެހުމަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ހަމަލާތައް ސްވިޒަލެންޑްގެ ގޯލްކީޕަރު ޔަން ސޮމާ ވަނީ މަތަކޮށްފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ނޯދަން އަޔަލެންޑް އަތުން 2-1 އިން އޮސްޓްރިއާ މޮޅުވިއިރު އެސްޓޯނިއާ ވަނީ 1-0 އިން ގްރީސް ބަލިކޮށްފައެވެ. ފިންލެންޑް އަތުން 2-0 އިން ހަންގޭރީ މޮޅުވިއިރު ބެލާރުސް އަތުން ސެން މަރީނޯ ބަލިވީ ވެސް ހަމަ މިނަތީޖާއިންނެވެ. މޮލްޑޯވާ އާއި ލަގްޒެމްބޯގް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ނޭޝަންސް ލީގުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ނެދަލޭންޑްސް އާ ޖަރުމަން ބައްދަލުކުރާ މެޗެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 00:45 ގައެވެ.