Last Updated: March 28, 17:47
Thursday, March 28, 2024
ޚަބަރު

އިމްރާން އާއި ނަޝީދުގެ މައްސަލަ މިއަދު ސްޕުރީމް ކޯޓުގައި

ރައީސް މުހައްމަދު ނަޝީދު އާއި ހޯމް މިނިސްޓަރ ޝެއިހް އިމްރާނަށް ކޮށްފައިވާ ޖަލު ހުކުމް ރިވިއު ކުރުމަށް ހުށަހަޅާފައިވާ މައްސަލަ ސްޕުރީމް ކޯޓުގައި މިއަދު ތާވަލްކޮށްފިއެވެ.

ރައީސް ނަޝީދުގެ ފަރާތުން ހުށަހެޅި މައްސަލަ މިއަދު ހެނދުނު 10 ޖަހާއިރަށް ތާވަލްކޮށްފައިވާ އިރު ޝެއިހް އިމްރާންގެ މައްސަލަ ތާވަލްކޮށްފައިވަނީ މިއަދު މެންދުރު 1 ޖަހާއިރަށެވެ.

ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ރިވިއުކުރުމަށް ހުށަހަޅާފައިވަނީ ޕީޖީންނެވެ. ނަޝީދުގެ ވެރިކަމުގައި 2012 ވަނަ އަހަރު އޭރުގެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ ހައްޔަރުކޮށް އެކަހެރިތަނެއްގައި ބެހެއްޓި މައްސަލާގައި ޓެރަރިޒަމް ދައުވާ އުފުލައި ޖަލަށްލިއިރު އެމައްސަލައަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ.

ނަޝީދުގެ މައްސަލަ ޕީޖީން ސުޕްރީމް ކޯޓަށް ރިވިއު ކުރުމަށް ހުށަހެޅުމާއި ގުޅިގެން ކޯޓުން ވަނީ ހުކުމް ފަސް ކުރުމަށް އަމުރުކޮށްފައެވެ.

ޝައިހް އިމްރާން 12 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މޭޑޭގެ ބޮޑު މުޒާހަރާއާއި ގުޅިގެންނެވެ، އިމްރާންގެ މައްްސަލަ ރިވިއު ކުރުމަށް އޭނާގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމާއި ގުޅިގެން ވަނީ ހުކުމް ފަސް ކުރުމަށް އަމުރެއް ނެރެފައެވެ.

އިމްރާން އަށް ރައީސް ސޯލިހުގެ ސަރުކާރުން ހޯމް މިނިސްޓަރުކަން ދެއްވުމާއި ގުޅިގެން ޖަލު ހުކުމެއްގައި ހުންނަވައިގެން މަގާމަށް ވަޑައިނުގެންނެވޭނެ ކަމަށް ބައެއް ގާނޫނީ ބޭފުޅުންވަނީ ބުނެފައެވެ.