މީގެ 10 އަހަރު ކުރިން އަނީސް ބަޒްމީ ޑައިރެކްޓްކޮށް، އަޖޭ ދޭވްގަން ލީޑް ރޯލް ކުޅެފައިވާ "ނާމް" ބެލުންތެރިންނާ ހަމައަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.
ކުރިން މި ފިލްމްގެ ނަމަކަށް ހަމަޖައްސާފައި އޮތީ "ބޭނާމް" އެވެ. އެހެން ނަމަވެސް ފިލްމް ރިލީޒް ކުރަނީ "ނާމް" ގެ ނަމުގަ އެވެ.
އެކިއެކި ސަބަބުތަކާ ގުޅިގެން ރިލީޒް ނުކުރެވި ދިގުލައިގެން ގޮސް އެ ފިލްމެއްގެ މަތިން ބެލުންތެރިން ހަނދާން ވެސް ނެތިފައި ތިއްބައި ރިލީޒް ކުރަން ތައްޔާރުވަމުން އަންނަ "ނާމް" ގައި އަޖޭ އާ އެކު ފެނިގެން ދާނީ ސަމީރާ ރެޑީ އާއި ބޫމިކާ ޗަވްލާ އެވެ.
ދިނޭޝް ޕަޓޭލް ޕްރޮޑިއުސްކޮށްފައިވާ މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން "ނޯ އެންޓްރީ"، "ސިންގް އިޒް ކިންގް" އަދި "ވެލްކަމް" ފަދަ ކާމިޔާބް ފިލްމްތައް ޑައިރެކްޓްކޮށްފައިވާ ބަޒްމީ ބުނީ "ނާމް" އެންމެ ފަހުން ރިލީޒް ކުރެވޭތީ ހިތްހަމަޖެހިފައި ހުރި ކަމަށެވެ.
އެހެން ނަމަވެސް މި ފިލްމަށް ބެލުންތެރިން ދޭނެ ތަރުހީބަކާ ދޭތެރޭ މިހާރު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. އެހެން ނަމަވެސް އަޖޭގެ ފިލްމްތަކަށް ލޯބި ކުރާ މީހުންނަށް ތްރިލާ ޖޯންރާގެ "ނާމް" ކަމުދާނެ ކަމަށް ގަބޫލް ކުރެވޭ ކަމަށް ބަޒްމީ ބުންޏެވެ.
ދިހަ އަހަރަށް ފަހު "ވަށްގަނޑުން" ނަގައިގެން "ނާމް ރިލީޒް ކުރާ އިރު، އެ ފިލްމް ސްކްރީނަށް އަންނާނީ މި މަހުގެ 24 ގައި ކަމަށް ބެލެވެ އެވެ.
"ނާމް" ގެ މިއުޒިކް ތައްޔާރުކޮށް ދީފައި ވަނީ މަޝްހޫރު ކޮމްޕޯޒާ ހިމޭޝް ރޭޝަމިޔާ އެވެ.