Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅައިފި

ޕީޖީ އައިޝަތު ބިޝާމް: - ފޮޓޯ: ޕީޖީ އޮފީސް

ޕްރޮސެކިއުޓަރ ޖެެނެރަލް (ޕީޖީ) އާއިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ) އެވެ. އަބުޅޯ ހުށަހެޅުއްވި މައްސަލާގައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި ޤާނޫނު އަސާސީ އިން ޕީޖީ އާއި ހަވާލުކޮށްފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތައް އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ފާހަގަކޮށްފައިވާ ކަންތައްތައް:

1- ނިމިދިޔަ ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އެދިވަޑައިގަތުމަށް ހައްޔަރުކުރިއިރު، އެ މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ޖިނާއީ ކުށުގެ ވަށައިގެންވާ ކަންކަމަކީ ކޮބައިތޯއާއި، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓަރ ޖެނެރަލް ކަށަވަރުކުރައްވާފައިނުވުމާއި، ފުލުހުންގެ އިދާރާއިން އެދޭކޮންމެކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން އަމަލުކުރައްވާފައިވުން.

2. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ ކުށެއްގެ ތުހުމަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އެދިވަޑައިގަތުމާނުލައި ބަންދުކޮށްފައި ބެހެއްޓިއިރު، އެއީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމުގައި އަމަލުކުރަން އޮންނަ އިޖުރާއަތާ ހިލާފުކަމެއްކަމަށްވާއިރުވެސް، އެކަން ބައްލަވައި، އެ އިޖުރާއަތަށް އަމަލުކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް އެ ހިނދުން އެހިނދަށް އަންގަވާފައިނުވުމުގެ އިތުރަށް، އެ މެންބަރު ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ބަހައްޓާފައިވާއިރު، އެކަން ރަނގަޅުކުރެއްވުމަށް އެއްވެސް މަސައްކަތެއް ގާނޫނީމަގުން ނުވަތަ ޝަރުއީމަގުން ނަމަވެސް ކުރައްވާފައިނުވުން.

3. ޖިނާއީ ކުށްކުށުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި ޢަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ހުއްޓުވާފައިނުވުމާއި، އެކަމުން މަނާވެގެންފައިނުވުން.

4. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކުރާ އިޖުރާއަތުތައް ފުރިހަމަނުވެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންގެ މައްޗަށް ޝަރީއަތް ހިނގަމުންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި ގާނޫނާއެއްގޮތަށް އެކަންކުރުމަށް ބާރުއަޅުއްވާފައިނުވުން.

5. ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާއަށް އޭނާގެ ޙާޟިރުގައި ޝަރީއަތްކުރެވުމުގެ ހައްޤު ލިބިދީފައިވާއިރު، އަދި އެ ހައްގު ގާނޫނަކުން ހަނިކޮށްފައިނުވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކުށެއްގެ ޝަރީއަތްކޮށް ޣައިރު ޙާޟިރުގައި ހުކުމް ކުރެވިގެންދިޔައިރު، އެކަން ހުއްޓުވާފައިނުވުމާއި އެކަން ރަނގަޅުކުރެއްވުމަށް މަސައްކަތްކުރައްވާފައިނުވުން.

މީގެ އިތުރުން ޕްރޮސިކިއުޓާ ޖެނެރަލް، ބިޝާމްގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކޮށް، މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއްނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއްނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށްވެސް މި މައްސަލާގައި ބުނެފައި ވެއެވެ.

މި މައްސަލަ އަބުޅޯ މިއަދު މަޖިލީހަށް ހުށަހެޅުއްވިއިރު، ޕީޖީ ބިޝާމް މަޤާމުން އިސްތިއުފާދެއްވުމަށް އަބުޅޯ ވަނީ ގޮވާލައްވާފައެވެ. އަދި އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވައިފިނަމަ، އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް އަބުޅޯ ވަނީ ރޭ ވިދާޅުވެފައެވެ.