ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ޗައިނާއަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނާ ގޮތުގައި މިނިސްޓަރ ޝާހިދު ޗައިނާއަށް ވަޑައިގެންނެވުމަށް ނިންމެވީ މިއަދު ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މރ. ޖާންގް ލީޖޮންގް އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅަށްފަހު ކަމަށެވެ.
އެގޮތުން މި އަހަރު ނިމުމުގެ ކުރިން ޝާހިދު ޗައިނާ އަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ.
މިއަދު ޗައިނާގެ ސަފީރު އާއެކު ޝާހިދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ސަފީރު ވަނީ ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން 16 އިން 18 ނޮވެމްބަރ 2018 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކުރެއްވި ޗައިނާގެ ކަލްޗަރ އެންޑް ޓުއަރިޒަމް މިނިސްޓަރ، ހިޒް އެކްސެލަންސީ މރ. ލުއޯ ޝުގަންގްއަށް ދިވެހި ސަރުކާރުން ވިދާޅުވިި ހޫނު މަރުޙަބާއަށާއި އަދާކުރެއްވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. މިނިސްޓަރ ލުއޯގެ މި ދަތުރުފުޅަކީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ސޯލިހު، ދިވެހިރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ސަފީރުގެެ ވާހަކަފުޅުގައި ރައީސް ސޯލިހު މިނިސްޓަރ ލުއޯއާ ބައްދަލުކުރެއްވިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިކަން ކަން ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި އެމްބެސެޑަރ ޖާންގް ވަނީ ޗައިނާއިން ދިވެހިރާއްޖޭގައި ކުރިއަށް ގެންދާ ތަރައްޤީގެ ތަފާތު މަސައްކަތްތަކާއި ކުރިއަށްގެންދިއުމަށް ރޭވިފައިވާ ތަފާތު މަޝްރޫޢުތަކާއި މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތާގައި ދެޤައުމުގެ ގުޅުން ކުރިއަށް ގެންދަވަން ބޭނުންފުޅުވާ ދާއިރާތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ޗައިނާ އަށް ދަތުރުފުޅެއް ކުރެއްވުމަށް ޝާހިދު ނިންމަވާފައިވާއިރު، ޗައިނާ މޯލްޑިވްސް ފްރީ ޓްރޭޑް އެގްރީމަންޓް އުވާލުމަށް ރާއްޖެއިން ނިންމާފައިވާކަމުގެ އަޑުތައް ބައިނަލްއަޤްވާމީ މީޑިއާތަކުގައި ވަނީ ފެތުރިފައެވެ.