Last Updated: June 20, 06:09
Saturday, June 20, 2026
ޚަބަރު

މަހުލޫފް އަށް ކުރާ ދައުވާއެއްގެ ޙުކުމް އިއްވުން މާދަމާ

ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް -- ފޮޓޯ: ރައީސް އޮފީސް

ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާއެއްގެ އަޑުއެހުން މާދަމާ އަށް ތާވަލްކޮށްފި އެވެ.

އެގޮތުން ހިނގާފައި ނުވާކަމެއް ހިނގައިފިކަމުގެ މައުލޫމާތު ޤާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިން ކަމަށް ބުނެ މަހުލޫފްގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓްގައި ތާވަލްކޮށްފައި ވަނީ މާދަމާ ހެނދުނު 11:00 އަށެވެ.

މަހުލޫފްގެ މައްޗަށް ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒު ކުރާ އިދާރާއަކަށް ދިނުމުގެ ދައުވާ ކުރަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މަހުލޫފު ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ. އެ ޓްވީޓުގައި މަހުލޫފުވަނީ މާފުށީ ޖަލުގައި ގަސްތުގައި އެކަށީގެންވާ ފަރުވާ ނުދީ މީހުން މަރަމުންދާ ކަމަށް ތުހުމަތު ކުރައްވާފައެވެ.

އަދި އަހަރެއް ތެރޭ 10 ގައިދީން މަރުވުމަކީ ސީރިއަސް މައްސަލައެއް ކަމަށާއި އެކަމުގައި ކަރެކްޝަނުގެ އިސްވެރިންތަކެއް ޒިންމާ ނަގަން ޖެހޭނެ ކަމަށް މަހުލޫފު ވެސް ވިދާޅުވި އެވެ.

މި ދައުވާއާއި ބެހޭގޮތުން މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖަލުުގައި މީހުން މަރުވަމުންދަނީ ބޭސް ފަރުވާ ނުދިނުމުގެ ސަބަބުން ކަމަށް މަރުވެފައިވާ ގިނަ ގައިދީންގެ އާއިލާތަކުންނާއި ބައެއް އޮފިސަރުން ވެސް ޤަބޫލުކުރާ ކަމަށެވެ.