މިދިޔަ ހޮނިހިރު މަޤާމުގެ ހުވާކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެޖެންޑާ ކާމިޔާބުކުރެއްވުމަށް ކޮންމެފަދަ ގޮންޖެހުމަކާވެސް ކުރިމަތިލައްވަން ހުންނެވީ ތައްޔާރަށް ކަމަށް ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.
Bodethi gonjehunthakaa kurimathivaa vaguthu emme bodah "missvanee" alhugandu ge akh adhi mentor Al Marhoom Dr. Abdul Majeed Abdul Bari ge heyo lafaafulhaai, naseyhayipulhaai, irushaadhu. Emanikufaanu nethumuge gellun alhugandah dhuvahakuves foonubedheyne.
— Imran Abdulla (@ShimranAb) November 20, 2018
އެ ޓްވީޓްގައި މިނިސްޓަރ ޝެއިޚް އިމްރާން ވިދާޅުވެފައި ވަނީ ހޯމް މިނިސްޓަރުގެ މަޤާމާއި ހަވާލުވެވަޑައިގަތުމުން ދައުލަތުގެ ކަންކަން ބޮއްސުންލާފައި އޮތް މިންވަރު އިތުރަށް ސާފުވެއްޖެ ކަމަށެވެ.
އަދި ﷲ އިރާދަފުޅުކުރެއްވިއްޔާ، ދަތުލަތުގެ ނަޒާހާތްތެރިކަން ނެގެހެއްޓުމަށާއި، ދެފުށްފެންނަ ތަހުޒީބު އުސޫލަކުން ކަންކަން ހިންގުމަށާއި، ރައީސް ސޯލިހުގެ އެޖެންޑާ ކާމިޔާބު ކުރެއްވުމަށް ކޮންމެ ގޮންޖެހުމަކާވެސް ކުރިމަތިލައްވާނެ ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާ ވަގުތު އެންމެ ބޮޑަށް ހަނދާންވަނީ އެމަނިކުފާނުގެ އަޚް އަދި މުދައްރިސް، އަލް މަރްޙޫމް ޑރ. އަބްދުލް މަޖީދު ބާރީގެ ހެޔޮ ލަފާފުޅާއި ނަސޭހަތްޕުޅާއި އިރުޝާދު ކަމަށްވެސް އިމްރާން ވިދާޅުވި އެވެ.
"އެމަނިކުފާނު ނެތުމުގެ ގެއްލުން އަޅުގަނޑަށް ދުވަހަކުވެސް ފޫނުބެއްދޭނެ"، މިނިސްޓަރގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.