ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބުދުﷲ (މުހައްމާ)، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅިވަޑައިގެންފި އެވެ.
މުހައްމާ އެމްޑީޕީ އަށް ސޮއިކުރައްވާފައި ވަނީ ރޭގެ ވަގުތެއްގަ އެވެ. އަދި މުހައްމާ އެމްޑީޕީ އާއި ގުޅިވަޑައިގެން އެ ޕާޓީ އަށް ސޮއިކުރެއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
މީގެ ކުރިން އަމިއްލަ މެމްބަރެއްގެ ގޮތުގައި ހުންނެވި މުހައްމާ ރޭ އެމްޑީޕީ އަށް ސޮއިކުރެއްވިއިރު، ސިޔާސީ ޕާޓީއަކުން ވަކިވުމުންނާއި، ޕާޓީ ބަދަލުކުރުމުން މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނު ވަނީ މިހާރު އުވާލާފައެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި 12 މެމްބަރުންގެ ތެރޭގައި މުހައްމާ ވެސް ހިމެނިވަޑައިގަންނަވަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އީސީގެ ނިންމުން ފަހުން ބާތިލްކޮށްފަ އެވެ.