ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނިގިލ ބްރާންޗް ފަޅާލައި ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގާފައިވާ މައްސަލައާއި ގުޅިގެން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށް، އިތުރު ހަތަރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހޯމަ ދުވަހު ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ފަސް މީހެއްގެ ބަންދަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިދީފައިވާއިރު، ދެ މީހެއްގެ ބަންދަށް ހަތް ދުވަސް ޖަހައިދީފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އިއްޔެ އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތަކު ވެސް ހިމެނޭ ކަމަށެވެ.
ވިލިނގިލީ ބްރާންޗް ފަޅާލާފައިވަނީ އެތަނުގެ ފުރާޅުގެ ޓިނު ކަފާލައިގެން ވަދެ ތިޖޫރީވެސް ފަޅާލައިގެންނެވެ. ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ވަނީ ގެއްލުނު ފައިސާގެ ތެރެއިން 14 މިލިއަން ރުފިޔާ ހޯދާފައެވެ. އެ ފައިސާ ހޯދާފައިވަނީ މީހުން ދިރިނޫޅޭ ގެއެއްްގެ ތެރޭގައި ހުރި ދޮންނަ މެޝިނެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާއެވެ.
ނަމަވެސް މިހާދިސާގައި ގެއްލުނު ފައިސާގެ ޖުމްލަ އަދަދެއް އަދި ފުލުހުންވެސް އަދި ބޭންކުންވެސް ހާމަކޮށްފައި ނުވެއެވެ.