Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރައީސް ޔާމީންގެ ކޮރަޕްޝަންގެ މައްސަލަތައް ލަސްނުކޮށް ބަލަންޖެހޭ: ހަސަން ލަތީފް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އެމަނިކުފާނު ހިންގަވާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ވީހާވެސް އަވަހަކަށް ތަހުޤީޤުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.

ހަސަން މިހެން ވިދާޅުވެފައި ވަނީ ރޭ ކުރެއްވި ޓްވީޓެއްގަ އެވެ.

ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ ޓެކް ކުރައްވައި ހަސަން ކުރެއްވި އެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ސީދާ ރައީސް ޔާމީން އަށް ތުހުމަތު ކުރެވޭ ބޮޑެތި އަދަދުގެ ފައިސާގެ ގިނަ މައްސަލަތަކެއް އެމްޑީޕީ އިން ފުލުހުންނަށް އެކިފަހަރު މަތިން ހުށަހަޅާފައިވާ ކަމަށާއި، ލަސްނުކޮށް އެ މައްސަލަތައް ބަލަންޖެހޭ ކަމަށެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހިންގި ކަމަށް ބުނާ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް އެމްޑީޕީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާއިރު، ރައީސް ޔާމީންގެ އެކައުންޓަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާއި ގުޅުންހުރި ކުންފުންޏަކުން އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ.

އެހެންނަމަވެސް ނިމިގެންދިޔަ ރިޔާސީ އިންތިޚާބުގެ ކުރިން ރައީސް ޔާމީން ވަނީ އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހަވާލުކޮށްފައެވެ.