Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ރާއްޖެއެމްވީ އިން ރައީސް ސޯލިހުގެ ވެރިކަން ބަލިކަށިކުރުވާފަދަ ޢަމަލުތައް ޕްރޮމޯޓްކުރޭ: ޑރ. ޖަމީލް

ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ "ރާއްޖެއެމްވީ" އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ބަލިކަށިކުރުވާފަދަ ޢަމަލުތައް ޕްރޮމޯޓް ކުރަމުންދާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް، ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދަޅުވެއްޖެ އެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި ޑރ. ޖަމީލް ވިދާޅުވެފައި ވަނީ ރައީސް ސޯލިހުގެ ވެރިކަން ބަލިކަށި ކުރުމަށް ބަޔަކު ކުރާ ޒިންމާދާރުކަން ކުޑަ ޢަމަލުތައް ރާއްޖެއެމްވީ އިން ޕްރޮމޯޓްކުރަން ފަށާފައިވާ ކަމަށެވެ.

އަދި ވަޒީރުންގެ މަޖިލީހުގެ ވަކި ބަޔަކަށް އަމާޒުކޮށް ފާޑުކިޔަނީ ކޯލިޝަން ބައިބައިކުރަން ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވި އެވެ.

"ދެން ތިބި ފަރާތްތަކާމެދު ކިޔާނެ އެއްޗެއް ނެތީތޯ؟"، ޑރ. ޖަމީލް ސުވާލު އުފައްދަވާފައި ވެއެވެ.

ޑރ. ޖަމީލް މިހެން ވިދާޅުވިއިރު، ރައީސް ސޯލިހުގެ ކެބިނެޓަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންނަކީ އެ މަޤާމްތަކަށް ޤާބިލް ބޭފުޅުން ނޫންކަމުގައި ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.