Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

"އެކަނިވެރި މައިންގެ އިނާޔަތް ބޮޑުކުރުމުން ވަރިވާން ހިތްވަރުނުލިބޭނެތޯ؟"

ޝެއިޚް މުހައްމަދު އަނީލް

އެކަނިވެރި މައިންނަށް ސަރުކާރުން ދޭ އިނާޔަތް 10،000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެމްބަރު ޖަމީލް އުސްމާން ގޮވާލެއްވުމުން އެއީ ވަރިވުމަށް ހިތްވަރު ދިނުންތޯ ދީނީ އިލްމުވެރިޔާ ޝެއިޚް މުހައްމަދު އަނީލް ސުވާލު އުފައްދައިފިއެވެ.

ޝެއިޚް އަނީލް ކުރެއްވި ޓުވީޓެއްގައި ޖަމީލް އުސްމާނަށް ސުވާލު ކުރިމަތިކޮށްފައިވަނީ އެފަދަ އިނާޔަތަކަށް ޚިޔާލު ހުށައެޅުއްވީ ވަރިވާން ހިތްވަރު ދިނުމުގެ ގޮތުންތޯ ސުވާލު އުފައްދަމުންނެވެ. ޖަމީލް އުސްމާން ބަޖެޓަށް ބަހުސް ކުރައްވަމުން ވިދާޅުވީ އެކަނިވެރި މައިން މާލެއާއި ރަށްރަށުގައި ވެސް އުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

އަދި އެއާއިލާތަކަށް 10،000ރ. އަށްވުރެ ކުޑަނޫން އަދަދެއް މަހެއްގެ މައްޗަށް ހައްގު ކަމަށާއި އެކަން ކޮށްދިނުމަށް އާ ސަރުކާރަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ހުށައަޅާފައިވާ ބަޖެޓާއި މެދު ކަންބޮޑުވާ ކަމަށާއި، އެންމެ ކަންބޮޑުވަނީ އެ ބަޖެޓުން ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށްނުދެވިދާނެތީ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އާސަންދައާއި އެންސްޕާ، މުސްކުޅިންނާއި އެކަނިވެރި މައިން އަދި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ދައުލަތުން ފޯރުކޮށްދޭ އިނާޔަތްތައް ނުދީ ކެނޑިދާނެތީ ކަންބޮޑުވާ ކަމަށާއި އެކަން އެގޮތަށް ވުމަށް ފުރުސަތު ނުދެއްވުމަށް އާ ސަރުކާރަށް ގޮވާލާ ކަމަށް ޖަމީލް އުސްމާން ވިދާޅުވެފައިވެއެވެ.