Last Updated: June 10, 20:48
Thursday, June 11, 2026
ރިޕޯޓް

ޚަލީލާއި އިކުރާމް ނާންނަނީސް ކޯލިޝަން ފުރިހަމައެއް ނުވާނެއެވެ.

ތިމާ އިންނަންއުޅޭ މީހާ ކިތަންމެ ޖާނުން ބޮޑުވެފައި ވަރުގަދަޔަސް ތިމާ އެކަމާ ބިރެއް ނުގަންނާނެޔޭ ބުނުމުގެ މާނައިގައި އިހުމީހުން ކިޔައެވެ. ފެންގަޑު ބޮޑެއްކަމަކު ރޭރެއް ބިރު ނުގަންނާނެއެވެ. އެހެންވީމާ ގައުމު ކިތަންމެ ބޮޑަސް ގައުމުދެކެ ލޯބިވާމީހާ ބިރެއް ނުގަންނާނެތާއެވެ. ގައުމީ މައްސަލަތަކުގެ ވާހަކަ ދައްކަން ޖެހިލުމެއްވެސް ނުވާނެތާއެވެ. އެވާހަކަ ދައްކައިގެން ފެންނެތް ރަށަކަށް އަރުވައިލިޔަސް ހެޔޮވާނެތާއެވެ. ފެންނެތް ރަށަކަށް އަރުވައިލުމަކީ އުޅޭންދަތި ރަށަކަށް ފޮނުވައިލުމެވެ.

ރިޔާސީ އިންތިޚާބު ނިމުމާއެކު ފެންކުޅިލައިގަތީއެވެ. މޫސުން އައީއެވެ. އިހުޒަމާނުގައި ހިތަނަކަތް ލައިގަތީމާ އެއޮތީ ފެންކުޅީގެ މޫސުން އައިސްފައެވެ. އެއަށް ކިޔަނީ ފެންކުޅި ލައިގަތުމެވެ. ފަހަކަށްއައިސް މިކަން މިއޮތީ ގާދިއްފުށީ މީހުންގެ ފެންކުޅިއަށް ވެފައެވެ. ކުރާންފެށި ކަމެއް ނުހުއްޓި ދިގުލާގޮތްވީމާ ބުނަނީ އެހެންނެވެ. މިމޫސުމުގައި ބޮޑަށް އޮތީ ހައްގުނޫން ތަކެތި ލިބިގަތުމެވެ. ހައްގުނޫން ތަކެތި ބޭނުންވެގެން އުޅުމަކީ ފެންސިރުހެދުމެވެ. ފެންސިރަކީ ހައްގު ނޫން މަގާމު ބޭނުންވާމީހާއެވެ. މިޒާތުގެ މީހުންގެ މިސާލަކީ ބޯވައިގެ މިސާލެވެ. ބޯވަޔަކީ އުޅޭ މާހައުލާ ގުޅުވައިގެން ކުލަ ބަދަލުކުރާ އެއްޗެކެވެ. މޫސުން ބަދަލުވާއިރަށް ބޯވައިގެ ކުލަވެސް ބަދަލުވާނެއެވެ. މިޒާތުގެ ކަންކަމުން އަޚުލާގުގެ ހުރުމަތްކެނޑިއްޖެއެވެ. ފެންކައްކާބޮލީގެ އިއްޒަތަކީ އެންމެމަތީ ދަރަޖައިގެ ގައުމީ އިއްޒަތަށްވެސް ވެއްޖެއެވެ. ވަކިމީހެއްގެ ފަރާތުން ނޫނީ ފުއްދެންނެތް ކަމެއް އެމީހަކު ލައްވައި ކުރުވަންވީމާ އެމީހަކަށް ކަމޭހިތާފައި އެކަމެއް ހާސިލްވީމާ ހޫރައިލުމަށް ކިޔަނީ ފެންކައްކާ ބޮލީގެ އިއްޒަތެވެ.

މީދަލު ހަތްތީން ވާ ފެންބުއިމޭ ބުނާ އަޑު އަހަން ހެއްޔެވެ. އެއީ ބޯދާ މިސާލު ބަހެކެވެ. އޭގެ މާނަޔަކީ އެކަކު ކުރި ބުރަމަސައްކަތުން އަނެކަކު ނާޖާއިޒު ފައިދާ ހޯދުމެވެ. މިކަމަކީ ބައެއް މީހުންނަށް ވަރަށް ފަސޭހަ ކަމެކެވެ. މިސާލެއް ދަންނަވާނަމަ ފެންބޮއިފައި ވައިލުންހާވެސް ފަސޭހަކަމެކެވެ. ހިތްހަމަޖެހޭވަރަށް ފެންބުއިމަށް ކިޔަނީ ފެންބޮއި އަލާކެނޑުމެވެ. އެންމެ ހިތާމަހުރި ކަމަކީ އަލާކެނޑިގެން ފެޔަށްޖެހިލާ ހަމައެކަކުވެސް ފެންނަ ނުފެންނަ ހިސާބުގައި ނެތުމެވެ. ފެންނަ ނުފެންނަ ހިސާބަކީ ކައިރިން ފެށިގެންގޮސް ލޮލުކޮޅަށް އޮބާހިސާބެވެ.

ފެންނެތް ބޮޑުކާށި ބިނދެގެން ދިރިއުޅެން ޚިޔާލުކުރާ މީހާއަށް އެމަގު ފަހިވެފައި އޮތިއްޔާ އެކަން އޭނާ ކުރާނެތާއެވެ. އެއީވެސް މުސްކުޅި ބަހެކެވެ. މާނަޔަކީ ނުކުރެވޭވަރުގެ ކަންކަން ކުރިކަމަށް ނުވަތަ ކުރާނެކަމަށް ވާހަކަ ދެއްކުމެވެ. ހިތިކަދޫވެލެއްގެ ބުޑަށް ފެންކަމުގައި މާމުއި އެޅިޔަސް އޭގައި އަޅާ އެއްޗެއް ފޮންޏެއް ނުވާނެއެވެ. ނުބައިކަމުގައި ހައްދުފަހަނަޅާފައިވާ މީހަކަށް ކިތަންމެ ހެޔޮނަސޭހަތެއްދީ ވިސްނައިދީ ހެދިކަމުގައިވިޔަސް އޭނާގެ ނުބައިކަމަށް ބަދަލެއް ނާންނާނެއެވެ.

އެސްފީނާއަށް ފެންއެޅުމަކީވެސް އޮންނަ ކަމެކެވެ. އެސްފީނާއިން ލިބޭ ގެއްލުންތަކުން ސަލާމަތްވުމަށާއި އެސްފީނާ ފިލުވައިލުމަށްޓަކައި ކިޔެވުން ކިޔަވައި ފެންމަތުރައި ބޮލަށްއަޅައި ގަޔާއެކު ތެންމަންވެސްވާނެއެވެ. އެސްފީނާއަކީ ބައެއް މީހުންގެ ލޮލުގައި ނުވަތަ ދުލުގައި ހުންނަ އަނެކައްޗަށް ގެއްލުންދޭ ބާރެކެވެ. އެހެންވީމާ ފެންމަތުރާ ބަޔަކުވެސް ތިބެންވާނެތާއެވެ. ގައުމަށް ޖެހިފައި މިއޮތީ އެސްފީނާއަކަށްވެސް ވެދާނެއެވެ.

މިޒާތުގެ ވާހަކަ ދެއްކުމަކީ ފެންނެތްތާ ބަކަތެޅުމެވެ. އެކަށީގެންވާ ނަތީޖާ ނުލިބޭތަނެއްގައި މަސައްކަތްކުރުމަށް އިހުގެ މުސްކުޅިން ކިޔައިއުޅުނީ އެހެންނެވެ. މިޒާތަށް މޮށޭމީހާ ވާނީ ބައެއް މީހުންގެ ނަޒަރުގައި ފެންބަނބުކޭލަށެވެ. އިހުގެ އައްޑޫގައި ފެންބަނބުކޭލޭ ބުނެވޭ ބުނުމުގެ މަޖާޒަކީ ބޭކާރު އަނގަތެޅުން ފިޔަވައި އެހެންކަމެއް ނުކުރެވޭ ހަރަކާތްތެރިކަމެއް ނެތް ތަތް މީހާއެވެ. ދެން ދޭނެ ލަގަބަކާއި އިއްޒަތެއް ދޭންވީއެވެ. އެޔަކު މައްސަލައެއްނެތެވެ.

ނިންމާލުމުގެ ކުރިން އަދި އެއްވާހަކައެވެ. ފެންކުޅީގެ މޫސުމާއި ކުލަބަދަލުކުރުމުގެ މޫސުން މިހިސާބަށްއައިސް ހުރިހާ ބޯވަތައް ސަފުހަދައިލިއިރު އަދި ދެބޯވައެއެެް ނުފެނެއެވެ. ޕީއެސްއެމޭ ކިޔުނު ހަރުގައި އަދި ދެބޯވަ އެބައޮތެވެ. ކޮންމެވެސް ޚަލީލަކާއި އިކުރާމެކެވެ. އެދެމީހުން އައީމާ ޓީމު ހަމަވީއެވެ. ބޮޑުމަންޒަރުވެސް ފުރިހަމަވީއެވެ.