Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

ރާއްޖޭގެ ނިންމުމަށް ޗައިނާއިން ބޯލަނބާނެ

ދިވެހި ރާއްޖެއާ ޗައިނާއާ ދެމެދު އުފެދިފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭގޮތުން އާ ސަރުކާރުން ނިންމާ ނިންމުމަކަށް ޗައިނާއިން ދެކޮޅު ނަހަދާނެ ކަން އިއުލާންކޮށްފިއެވެ.

ޗައިނާ ފޮރިން މިނިސްޓްރީން އެއްބަސްވުމާ ގުޅޭގޮތުން ސުވާލުކުރުމުން ބުނެފައިވަނީ، ޗައިނާ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ރާއްޖެއިން ނިންމާނީ ރަނގަޅު ނިންމުމެއް ކަމަށެވެ. ޗައިނާގެ ޚާރިޖީ ވުޒާރާ އިން މިހެން ބުނެފައިވަނީ ރާއްޖެއާ ދެމެދު ހެދިފައި އޮތް އެއްބަސްވުން އުވާލަން ރައީސް ސޯލިހް ނިންމަވާފައިވާކަން ރޮއެޓާސް އިން ރިޕޯޓުކޮށްފައިވަނިކޮށެވެ.

ނަމަވެސް ޗައިނާ އިން އެކަމާ ގުޅޭގޮތުން އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެއެވެ. އެއްބަސްވުން ނިމުމަކަށް ގެންނާނެ ކަމަށް ވިދާޅުވީ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.

ނަޝީދު ވިދާޅުވީ، އެ އެއްބަސްވުމަކީ ދިވެހި ރާއްޖެއަށް އޮތް ނުރައްކަލެއްގެ ގޮތުގައި ދެކިވަޑައިގަންނަވާ ކަމަށެވެ. ޗައިނާ އިން ވަނީ ނިމިގެން ދިޔަ ރިޔާސީ ދައުރުގައި ދިވެހި ރާއްޖެއަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގާފައެވެ. އަދި ސަރުކާރަށް ބޮޑެތި އަދަދުތަކުގެ ލޯނުތަކެއް ވެސް ޗައިނާ ސަރުކާރުން ވަނީ ދީފައެވެ.