Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

ރާއްޖެ ޓީވީ އާ ގުޅޭގޮތުން ޖަމީލް ދެއްކެވި ވާހަކަތަކަށް އީވާ ރައްދުދެއްވައިފި

ފޮޓޯ: ރާއްޖެއެމްވީ

ރާއްޖެ ޓީވީ އިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ބަލިކަށިކުރުވާ ފަދަ އަމަލުތައް ޕްރޮމޯޓު ކުރަމުންދާ ކަމަށް ބުނެ ކުރީގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލް ވަނީ ވަޒީރުންގެ މަޖިލީހުގެ ވަކި ބަޔަކަށް އަމާޒުކޮށް ފާޑުކިޔާތީ އެކަން ކުރަނީ ބައިބައި ކުރަން ކަމަށް ތުހުމަތުކޮށްފައެވެ. އަދި ދެން ތިބި ވަޒީރުންނާ މެދު ކިޔާނެ އެއްޗެއް ނެތީތޯ ސުވާލު އުފައްދާފައެވެ.

އީވާ ވަނީ ޖަމީލް ދެއްކެވި ވާހަކަފުޅަކީ ހަމަނުޖެހޭ ވާހަކަތަކެއް ކަމަށާއި ސަރުކާރުގެ އިސް މަގާމުތަކަށް، ޚާއްސަކޮށް ކެބިނެޓް ފެންވަރަށް ވަޑައިގަންނަވަން ޖެހޭނީ ފާޑުކިޔުންތައް ބަލައިގަނެވޭނެ ފަރާތްތައް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭ އެމްވީންގެ ޝާއިއުކުރި ލިޔުމެއްގައި، ރައްޔިތުންގެ މެދުގައި ނެގުނު ޕޯލް ނަތީޖާތަކެއް ހިމަނައި، ޖޭޕީއަށް ނިސްބަތްވާ ވަޒީރުންނަށް މަޖިލީހުން ރުހުން ނުދިނުމަށް އެދިފައިވުމުން ޖޭޕީގެ އިސް އޮފިޝަލުން ވަނީ ކަންބޮޑުވުން ފާޅުކޮށް ރާއްޖެ އެމްވީއަށް ފާޑުކިޔާފައެވެ.

މިއީ ކޯލިޝަންގެ ސަރުކާރު ގާއިމުވި ފަހުން، ކޯލިޝަނުގެ އިސް ބޭފުޅަކު ރާއްޖެ ޓީވީއަށް ފާޑުކީ ދެވަނަ ފަހަރެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ރައީސް އިބޫ ހުވާކުރެއްވި ދުވަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އެ ޓީވީ ސްޓޭޝަނަކީ ނަފުރަތު އުފައްދާ ތަނެއް ކަމަށް ވިދާޅުވެފައެވެ.