Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

ހޯމް މިނިސްޓަރު އިމްރާން ދޫނިދޫ ޖަލަށް ޒިޔާރަތްކުރައްވައިފި

އިމްރާން ދޫނިދޫ ޖަލަށް ވަޑައިގަންނަވަނީ: ފޮޓޯ - ޕޮލިސް

މިނިސްޓަރ އޮފް ހޯމް އެފެއާޒް، ޝެއިޚް އިމްރާން އަބްދުﷲ ދޫނިދޫ ޖަލުގެ ހާލަތު ބެއްލެވުމަށް މިއަދު އެ ޖަލަށް ޒިޔާރަތެއް ކުރައްވައިފިއެވެ.

ޖަލު ހުކުމަކުން ދާދި ފަހުން ސަލާމަތްވެވަޑައިގެންނެވި އިމްރާން ވަނީ ދިވެހި ރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ކުރިންވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ޖަލުގައި ގައިދީންނަށް އެތައް އަނިޔާތަކެއް ލިބެމުންދާ ކަމަށާއި އެކަން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ޖެހޭ ކަމަށް އިމްރާން ވިދާޅުވެފައިވެއެވެ.

ހޯމް މިނިސްޓަރު ކަމާއި އިމްރާން ހަވާލުވި ފަހުން އެމަނިކުފާނު ވަނީ ފުލުހުންގެ އިސް ބޭފުޅުންނާއި މަޝްވަރާ ކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ އެ މަޝްވަރާތަކަށް ފަހު ގައުމު ބޮއްސުންލައިގެން ގޮސްފައިވާ މިންވަރު ވަޒަން ކުރެވިއްޖެ ކަމަށާއި އެއީ ހީކުރި ވަރަށް ވުރެ ގޯސް މިންވަރެއް ކަމަށެވެ.

ޝެއިޚް އިމްރާން 2015 ވަނަ އަހަރު މޭ އެއްވަނަ ދުވަހު ދެއްކެވި ވާހަކަތަކާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ތަންފީޒުކުރުން ފަސްކޮށްފައެވެ. ނަމަވެސް ހުކުމް ބާތިލުނުވަނީސް ކެބިނެޓަށް ވަޑައިގަތުމުގެ ގާނޫނީ ހައިސިއްޔަތެއް އޮތްތޯ ގާނޫނީ ބޭފުޅުން ވަނީ ސަރުކާރަށް ސުވާލުކޮށްފައެވެ.