Last Updated: July 26, 12:01
Sunday, July 26, 2026
ޚަބަރު

އެހީ ހޯދަން ވަޒީރުންގެ ޚާއްސަ ދަތުރުފުޅެއް އަންނަ ހަފްތާގައި

ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭރުގެ އެހީ ހޯދުމަށް ސަރުކާރުގެ ވަޒީރުންގެ ޓީމެއް އަންނަ ހަފްތާގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ހަވާލާދީ "އަވަސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދަތުރުފުޅު ފައްޓަވާނީ އަވަށްޓެރި އިންޑިޔާ އިންނެވެ. އިންޑިޔާއަށް ފަހު މެދު އިރުމަތިން، ސައުދީ އަރަބިއްޔާ އަދި ޔޫއޭއީ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވެއެވެ. ދަތުރުފުޅު ނިންމަވާލައްވާނީ ޗައިނާއަށް ވަޑައިގަތުމަށް ފަހަށް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު އިތުރަށް ވިދާޅުވެފައިވަނީ ނިމިގެން ދިޔަ ސަރުކާރު ގޮސްފައިވަނީ ދައުލަތުގެ ޚަޒާނާ "ފޫދުށްވާލުމަށް ފަހު" ގައެވެ. އަދި ގައުމު ވަނީ އިގްތިސޯދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައި ކަމަށާއި ބޭރުގެ އެހީތަކާ ނުލާ ދިވެހިންނަށް މި އަނދަވަޅުން ސަލާމަތް ނުވެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސުލް ޖުމުހޫރިއްޔާގެ ފަރާތުން ބޭރަށް ކުރައްވާ މިދަތުރުފުޅުގައި ފޮރިން މިނިސްޓަރު ޝާހިދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އަދި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރް އިސްކޮށް ބައިވެރިވެވަޑައިގަންނަވާނެއެވެ.