Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

ޗައިނާ އިން ނެގި ލޯނުގެ މިންވަރު 1.5 ބިލިއަން ޑޮލަރަށް އަރާނެ: ގަވަރުނަރު

މި އަހަރުގެ ފައިނޭންޝަލް ފޯރަމްގައި ގަވަރުނަރު ނަސީރު - ފޮޓޯ: ޕެންޝަން އޮފީސް

ޗައިނާ އިން ރާއްޖެއަށް ދީފައިވާ ލޯނުގެ މިންވަރު 1.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު، އަހްމަދު ނަސީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓް ދިރާސާ ކުރާ ކޮމިޓީގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ނަސީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް ދީފައިވާ ލޯނުގެ ޖުމްލަ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށާއި، ނަމަވެސް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ދެއްވި މަޢުލޫމާތުން އެނގޭ ގޮތުގައި ލޯނުގެ މިންވަރު 1.5 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.

ނަސީރު ވިދާޅުވީ އެމްއެމްއޭ އަށް ފިނޭންސް މިނިސްޓްރީގެ ފަރާތުން ލިބިފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޗައިނާ އިން ރާއްޖެއަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 600 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، ބޭންކް ގެރެންޓީ ދީފައި އޮތް މިންވަރާއި ބެހޭ ސައްޙަ މަޢުލޫމާތެއް އެމްއެމްއޭގައި ވެސް ނެތް ކަމަށެވެ. އެހެންނަމަވެސް ބޭންކް ގެރެންޓީގެ އަދަދު 900 މިލިއަން ޑޮލަރަށް އަރާ ކަމަށް ޗައިނާ ސަފީރު ވިދާޅުވި ކަމަށްވެސް ނަސީރު ވިދާޅުވި އެވެ.

ނަސީރު މިހެން ވިދާޅުވިއިރު، ރާއްޖެއާއި ޗައިނާއާއި ދެމެދު އުފެދިފައިވާ ފްރީ ޓްރޭޑް އެއްބަސްވުމާ ގުޅޭގޮތުން އާ ސަރުކާރުން ނިންމާ ނިންމުމަކަށް ޗައިނާއިން ދެކޮޅު ނަހަދާނެ ކަމަށް އެޤައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.