ޅމޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޒިޔަތުގެ މައްޗަށް ދަށު ކޯޓުން އިއްވި ޖަލު ޙުކުމް ދެމެހެއްޓުމަށް ޒިޔަތުގެ މައްސަލަ ހައި ކޯޓުގައި ބެލި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ނިންމައިފި އެވެ. ހައި ކޯޓުން ތާއީދުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ޒިޔަތުގެ މައްޗަށް އަށް އަހަރުގެ ޖަލު ޙުކުމެއް އިއްވާފައި ވަނީ ޅ. މާބިންހުރާގައި ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ކުއްޔަށް ދޫކުރުމުން އެކިއުސިޝަން ކޮސްޓުގެ ގޮތުގައި ދިވެހި ސަރުކާރަށް ލިބުނު 5 މިލިޔަން ޑޮލަރަށް ހިޔާނާތްތެރިވުމުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ޒިޔަތު ބައިވެރިވެފައިވާކަމަށް ހެކިތަކުން ސާބިތުވުމުންނެވެ.
އެ މައްސަލައާއި ގުޅިގެން ޒިޔަތުގެ އިތުރުން އަދީބުގެ މައްޗަށްވެސް އަށް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވާއިރު، މ. ޝޫރާމަންޒިލް ހާމިދު އިސްމާއީލްވެސް އެ ޚިޔާނާތުގައި ބައިވެރިވެފައިވާކަން ސާބިތުވެ އޭނާގެ މައްޗަށް ވެސް ވަނީ ދެ އަހަރާއި އަށް މަސް ދުވަހަށް ޖަލަށް ލުމަށް ޙުކުމެއް އައިސްފައެވެ. ހާމިދު އިސްމާއިލް ވަނީ އެހުކުމް ތަންފީޒުކޮށް ނިމުމާއެކު މިހާރު މިނިވަންވެފަ އެވެ.
މި މައްސަލައިގެ އިސްތިއުނާފް ޝަރީޢަތުގައި ޒިޔަތުގެ ފަރާތުން އަށް ނުކުތާއެއް ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެމައްސަލައަކީ އިޖްރާއަތްތަކާއި ޚިލާފަށް ކުރިއަށް ގެންގޮސްފައިވާ ތަހުޤީޤެއް ކަމަށާއި، އެހެންކަމުން އެ މައްސަލައިގެ ޙުކުމް ވެސް ބާތިލްވާން ޖެހޭނެ ކަމަށާއި، މައްސަލައިގެ ދައުވާ އުފުލާފައިވަނީ ހިޔާނާތުގެ މާނައާ ހިލާފަށް ކަމަށާއި ހިޔާނާތުގެ ގޮތުގައި ކަނޑައެޅި ފައިސާ ބޭނުން ކޮށްފައިވަނީ ހިޔާނާތައް މަގުފަހިވާ ގޮތަށް ކަމަށް ދައުލަތުން ސާބިތުކޮށްދެވިފައިނުވާ ކަން ވަނީ ފާހަގަކޮށްފަ އެވެ.
އެމައްސަލައިގައި ހައި ކޯޓުން މިއަދު އިއްވި ޙުކުމުގައި ބުނެފައި އެމްްއެމްޕީއާރްސީއަކީ ދައުލަތުގެ ކުންފުންޏެއް ކަމަށާއި، އެކުންފުނީގެ ބޯޑު މެމްބަރެއްގެ އިތުރުން މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުރެ ޒިޔަތު ވަނީ އެކުންފުނީގެ ހިންގާގަަވައިދާ ޚިލާފަށް އަމަލުކޮށް އެޗެކް އަހްމަދު އަދީބާއި ހަވާލުކޮށްފައި ކަމަށެވެ. އެހެންކަމުން އެއީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވުން ކަމަށް ހައި ކޯޓުން ވަނީ ނިންމާފަ އެވެ.