ރިޔާސީ އިންތިޚާބަށްފަހު ޕީޕީއެމް އިން ބޭއްވި ކުއްލި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި މައްސަލައިގެ ޙުކުމް އިއްވުން މާދަމާ އަށް ތާވަލްކޮށްފި އެވެ.
އެގޮތުން މި މައްސަލައިގެ ޙުކުމް އިއްވުމަށް ހައި ކޯޓުން ތާވަލްކޮށްފައި ވަނީ މާދަމާ މެންދުރު 13:00 އަށެވެ.
މިމައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުގައި ފެށީ މިމަހުގެ 5 ވަނަ ދުވަހުއެވެ. އަދި މި މައްސަލައިގެ އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައި ވަނީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ މަޖިލިސް ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އިތުރު ކަމެއް ސާފު ކުރަން ބޭނުން ނޫން ނަމަ ދެން އޮންނާނީ ހުކުމް ކަމަށް އިއުލާންކޮށްފަ އެވެ.
މިމައްސަލައިގެ ޝަރީއަތުގައި އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވިދާޅުވީ ޕީޕީއެމް ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެމްބަރުން ވެސް ބައިވެރިވި ކަމަށެވެ. އެގޮތުން އެމްޑީޕީއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއާއި އެމްޑީއޭގެ މެމްބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތްނުވާ މީހުން ވެސް ޕީޕީއެމް ކޮންގްރެސްގައި ބައިވެރިވި ކަމަށެވެ. މިފަދަ ގިނަ ކަންތައްތަކެއް ޕީޕީއެމް ކޮންގްރެސްގައި ހިނގާފައި ވުމުން ކޮންގްރެސް ބާއްވާފައިވަނީ ގާނޫނާ ޚިލާފަށްކަން އެގޭ ކަމަށް ވަކީލު ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އިލެކްޝަންސް ކޮމިޝަނުގެ ވަކީލު ވަނީ ކޮންގްރެސް ބަލައިނުގަތުމަށް ނިންމި ނިންމުން ރަނގަޅު ކަމަށް ކަނޑައަޅައިދިނުމަށް އެދިވަޑައިގެންފައެވެ.
މައްސަލައިގެ ޝަރީއަތުގައި ޕީޕީއެމްގެ ވަކީލު ވިދާޅުވީ ކޮންގްރެސް ބޭއްވީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނަށް އަންގަންޖެހޭ އެންގުންތައް ވެސް އެންގި ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ. ކޮންގްރެސް އޮބްޒާވް ކުރުމަށް ކޮމިޝަނުގެ ދެމަންދޫބަކު ވެސް ބައިވެރިވެފައިވާއިރު، ކޮންގްރެސްގެ އެއްވެސް ކަމަކާ މެދު އެބޭފުޅުން ވެސް އިންކާރުކޮށްފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބު ނިމުމާއިއެކު ޕީޕީއެމުން ކުއްލި ގޮތަކަށް ބޭއްވި ސިއްރު ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމުން އެމައްސަލަ ޕީޕީއެމުން ކޯޓަށް ހުށަހަޅައި ހުކުމަކާ ހަމައަށް އައިސްފައިވާއިރު، ކޮންގްރެސްގައި ވަނީ ޕާޓީގެ ރައީސްކަމުގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން އިންތިޚާބުކޮށް، ޕާޓީގެ ހަތަރު ނާއިބުރައީސުންނާއި އެހެން އިސް މަގާމުތަކަށްވެސް މީހުން އިންތިޚާބުކޮށްފައެވެ.
ޕީޕީއެމްގެ ކޮންގްރެސް އަށް އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފައެވެ.