މިދިޔަ ހޮނިހިރު ދުވަހު މަޤާމުގެ ހުވާކުރެއްވި އާ ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އާއި މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުމަށްފަހު މައުމޫން ވަނީ މިރޭ ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނާއި ބައްދަލުކުރެއްވި ކަމަށްޓަކައި ޓޫރިޒަމް މިނިސްޓަރ އޮނަރަބަލް އަލީ ވަހީދު އަށް ޝުކުރު ދަންނަވާފަ އެވެ. އަދި މުސްތަޤްބަލުގައި މިނިސްޓަރަށް ކާމިޔާބާއި ފާގަތިކަމަށް އެދިވަޑައިގަންނަވާ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.
އެހެންނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.
މައުމޫން އާއި އަލީ ވަހީދު މިއަދު ބައްދަލުކުރެއްވިއިރު، މިނިސްޓަރު ވަނީ އިއްޔެ އައްޑޫ ސިޓީ ކައުންސިލާއި ވެސް ބައްދަލުކުރައްވައިފަ އެވެ. ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ އޮތް އެ ބައްދަލުވުމުގައި އައްޑޫގެ މޭޔަރ އަބްދުﷲ ސޯދިގު، ސޯބެ، އާއި ކައުންސިލްގެ މެމްބަރުންގެ އިތުރުން ޒިއްމާދާރުވެރިޔާ މުހައްމަދު ސައުދީވަނީ ބައިވެރިވެވަޑައިގެންފައެވެ.