Last Updated: June 20, 02:15
Friday, June 19, 2026
ޚަބަރު

އަބުރުގެ ޤާނޫނު އުވާލުމުގެ ބިލް ރައީސް ސޯލިހު ތަސްދީޤު ކުރައްވައިފި

"އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު" އުވާލުމުގެ ބިލު، ޤާނޫނު އަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު މިއަދު ތަޞްދީޤު ކުރައްވައިފިއެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ފާސްކުރައްވާފައިވަނީ 14 ނޮވެންބަރު 2018 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 9 ވަނަ ޖަލްސާގައެވެ. ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މިހާރުގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ހުށަހެޅުއްވި އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ ތެރެއިން 38 މެމްބަރުންގެ ތާޢީދާއެކު އެވެ. އެ ބިލް ފާސްކުރުމާއި ދެކޮޅަށް ވޯޓުދެއްވީ 13 މެމްބަރުންނެވެ.

އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު އުވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިހާރުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ.

އަބުރުގެ ޤާނޫނު އުވާލުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.