ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
މައުމޫން އާއި ރައީސް ސޯލިހު ބައްދަލުކުރެއްވީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. ނަމަވެސް މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފްސީލެއް އެއްވެސް ފަރާތަކުން ހާމަކުރައްވާފައެއް ނުވެއެވެ.
މިއީ ރައީސް ސޯލިހު މިދިޔަ ހޮނިހިރު ދުވަހު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވި ފަހުން މައުމޫން އާއި ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. ރައީސް ސޯލިހު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން ވެސް ދެ ބޭފުޅުން ވަނީ ދެ ފަހަރެއްގެ މަތިން ބައްދަލުކުރައްވައި މަޝްވަރާކުރައްވާފަ އެވެ.
މައުމޫން، ރައީސް ސޯލިހު އާއި މިއަދު ބައްދަލުކުރެއްވިއިރު، މައުމޫން އަކީ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ހަތަރު ލީޑަރުންގެ ތެރެއިން އެއް ލީޑަރެވެ.