ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް އެ މިނިސްޓްރީގެ އިސްވެރިއަކު ޖިންސީ ގޯނާ ކުރިކަމަށްބުނާ މައްސަލަ މިއަދު ތަހުޤީޤުކޮށް ނިންމައި، އެކަމުގެ ފުރިހަމަ ރިޕޯޓް ލިބޭނެ ކަމަށް އާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ އެ މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށާއި، އެމައްސަލަ ޖިނާއީ ގޮތުން ތަހްގީގް ކުރުމުގެެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މިނިސްޓްރީގެ ތެރެއިން އެ މައްސަލަ ތަހުޤީޤުކުރާ ކޮމިޓީ އިން މައްސަލަ ދިރާސާކުރެއްވުމަށްފަހު މިއަދު ރިޕޯޓް ފޮނުއްވާނެ ކަމަށާއި، އެ ރިޕޯޓް ލިބިވަޑައިގަތުމަށްފަހު، ރިޕޯޓްގައި ބުނެފައިވާ ހުރިހާ ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.
ފޮރިން މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ކުރީގެ ފޮރިން މިނިސްޓަރ ޑރ. މުހައްމަދު އާސިމް، ޖިންސީ ގޯނާ ކުރިކަމަށްބުނާ މައްސަލައެއް ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. އެހެންނަމަވެސް އާސިމް ވަނީ އެ ތުހުމަތުތަކަށް އިންކާރުކުރައްވާފަ އެވެ.
ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް އާސިމް އިންކާރުކުރައްވާފައިވާއިރު، ފޮރިން މިނިސްޓްރީގެ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް ޝަކުވާއެއް ހުށައެޅިފައިވާ ކަމަށާއި، އެ ކޮމިޓީއިން އެ މައްސަލަ ބަލަމުންދާ ކަމަށް އެ މިނިސްޓްރީ އިން ވަނީ މީގެ ކުރިން ބުނެފައެވެ.