Last Updated: May 18, 20:05
Saturday, May 18, 2024
ޚަބަރު

މިނިސްޓަރު އިމްރާންގެ ޖަލު ހުކުމް ބާތިލުކޮށްފި

ހޯމް މިނިސްޓަރ، ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ކުށް ސާބިތުވެ 12 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިމްރާންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ސާބިތުވާ ކަމަށް ހުކުމް ކުރީ 2015 ވަނަ އަހަރު މޭ އެއްވަނަ ދުވަހު އިމްރާން ދެއްކެވި ވާހަކަފުޅާ ގުޅިގެން ދައުލަތުން ކުރި ދައުވާއެއްގައެވެ.

އެ މައްސަލާގައި ގާޒީ ހެކި ނެގިއިރު ދިފާއީ ބައެއް ހެކި ހުށައެޅުމަށް ދެކޮޅު ހެދި ކަމަށް އިމްރާންގެ ވަކީލުން ކުރިން ބުނެފައިވާއިރު އެ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށް އެތައް ބަޔަކު ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުން ވަނީ މިމަހުގެ އެއްވަނަ ދުވަހު، އިމްރާންގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކުރަން އަމުރެއް ނެރެފައެވެ. އިމްރާނަށް ހޯމް މިނިސްޓަރުކަން ދީ، މަގާމުގެ ހުވާކުރީ ހުކުމް ބާތިލުނުވަނީސް ކަން ފާހަގަކޮށްލެވެއެވެ.