Last Updated: June 9, 06:10
Tuesday, June 9, 2026
ޚަބަރު

"ނަޝީދުގެ މުސާރަ އުނިކުރީ ކުރީގެ މިނިސްޓަރު"

ކުރީގެ ރައީސުންނަށް ދޭން ޖެހޭ މުސާރައާއި އިނާޔަތްތައް، 2019 ވަނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށައެޅި ބަޖެޓުގައި ނުހިމަނާ ފޮނުވީ ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ކަމަށް އާ ސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ބަޖެޓާ ގުޅޭގޮތުން މިނިސްޓަރާ މަޝްވަރާ ކުރެއްވުމަށް ބަޖެޓު ދިރާސާ ކުރާ ކޮމިޓީއަށް މިއަދު ހާޒިރުކުރުމަށް ފަހު، ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ނަޝީދަށް ދޭން ޖެހޭ ފައިސާ ހިމަނާފައި ނުވާ ސަބަބު އައްސަވާފައެވެ.

ޖަވާބުގައި މިނިސްޓަރު އަމީރު ވިދާޅުވީ، އެކަން އެގޮތަށް ކޮށްފައިވަނީ ކުރީގެ ފިނޭންސް މިނިސްޓަރު މުނައްވަރު މަގާމުގައި ހުންނެވިއިރު އެމަނިކުފާނު ކަމަށެވެ. އަދި ނަޝީދަށް ދޭން ޖެހޭ މުސާރައާއި އިނާޔަތް ދިނުމުގައި ހުރަހެއް ނެތް ކަމަށް މިނިސްޓަރު ވަނީ ކޮމެޓީގައި ވިދާޅުވެފައެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ގާނޫނަށް ބަދަލު ގެނެސް، ޖިނާއީ ކުށެއް ސާބިތުވާ ރައީސަކަށް އިނާޔަތް ނުލިބޭނެ ގޮތަށް އިސްލާހު ކުރުމަށް ފަހު ނަޝީދަށް ވަނީ މުސާރައާއި އިނާޔަތް، ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ކަނޑާލާފައެވެ. ނަމަވެސް ނަޝީދުގެ އޮފީހުން ވަނީ ހުކުމް ކުރުމުގެ މާ ކުރިން ވެސް ސަރުކާރުން އެމަނިކުފާނަށް ލިބެން ޖެހޭ އިނާޔަތް ނުދީ ހިފަހައްޓާފައި ކަމަށް ބުނެފައެވެ.

ރައީސް ނަޝީދު ވަނީ އެ ގާނޫނަށް އިސްލާހު ގެނައުމުން، އެމަނިކުފާނު ކުރައްވާ މަސައްކަތަކީ މުސާރައާއި އިނާޔަތް ހޯދުމަށް ކުރައްވާ މަސައްކަތެއް ނޫން ކަމަށް ވިދާޅުވެފައެވެ. އަދި ކުރައްވާ މަސައްކަތަކީ ދިވެހިންގެ ހައްގުގައި ކުރަމުންދާ މަސައްކަތެއް ކަމަށާއި އިނާޔަތެއް ނުދިނަސް އެ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން ވަނީ ނަޝީދުގެ މައްޗަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން ފަސްކޮށްފައެވެ. އަދި އެ ހުކުމް ބާތިލުކުރުމަށް ނަޝީދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ ވަނީ ހުކުމާ ހަމައަށް ގޮސްފައެވެ.