Last Updated: May 18, 18:49
Saturday, May 18, 2024
ޚަބަރު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރަކަށް އަސްލަމް

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހިންވަރު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖޭގެ ރައިސުލް ޖުމްހުރިއްޔ\ަ ކަމުގެ މަގާމަށް އިންތިހާބު ވުމާއި ގުޅިގެން ހުސްވެފައިވާ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕު ލީޑަރަކަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު އެއް މެމްބަރު އަސްލަމް އަކީ 14 އަހަރު މަޖިލީހުގައި މަސައްކަތް ކުރައްވާފައިވާ މެމްބަރެކެވެ.

އަސްލަމް ޕީޖީ ލީޑަރުކަމަށް އިންތިހާބު ކޮށްފައިވަނީ މިއަދު ހަވީރު ބޭއްވި ޕީޖީ ބައްދަލުވުމުގައެވެ.

އަސްލަމް މިއަދު އައްޑޫލައިވްއަށް ވިދާޅުވީ ޕީޖީ ލީޑަރުކަމަށް އިންތިހާބު ކުރުމާއި ގުޅިގެން އެންމެ ހާއްސަ އިސްކަމެއް ދެއްވާނީ މަޖްލިސް ތެރެއިން ޕާޓީތަކާއި ގުޅިގެން މިހާރު އޮތް ކޯލިޝަން ސަރުކާރު ދެމެހެއްޓުމަށް ކުރެވެން ހުރި މަސައްކަތް ކުރުމަށްކަމަށެވެ.

ފާއިތުވެދިޔަ ދެ ދައުރުގައި ހިތަދޫ އުތުރު ދާއިރާ ތަމްސީލު ކުރައްވަމުން އަންނަ އަސްލަމް މަޖިލީހާއި ގުޅިވަޑައިގަތީ 2004 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި އައްޑޫ ދާއިރާ އިން ހޮވި ދެ މެމްބަރުންގެ ތެރެއިން އެއް މެމްބަރުގެ ގޮތުގައެވެ. އަސްލަމަކީ މަޖްލިސްއަށް އެންމެ ގިނަ ވޯޓު ހޯދައިގެން 2004 ވަނަ އަހަރު ހޮވުނު މެމްބަރެވެ.

އަސްލަމް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިންމަވާފައެވެ.